ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ކުލި ނުދެއްކޭ ފަރާތްތައް ގެއިން ނެރުމާއި، ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހުއްޓުވުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި ބިލަށް މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.

"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީއެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޯވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް ކަނޑައެޅުމެވެ.

އޭގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިޔަށްގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތްތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައިވާނެ ކަމަށް ބިލް ހުށައަޅުއްވަމުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރެގެން ނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް މި ބިލުގައި ވަނީ ލާޒިމުކޮށްފައެވެ. އަދި ނޯޓިހުގެ މުއްދަތުގައި ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް މެދުކަނޑާލައިގެންނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަމާއި، ކާބޯތަކެތި ފޯރުކޮށްދޭންވާނެ ކަމަށާއި، އެފަދައިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ހަމައެއާއެކު ކޯވިޑް-19 އާ ގުޅިގެން، މުވައްޒަފުންނަށް ހާއްސަ ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ހާއްސަ ޗުއްޓީ ދޭންވާނެ ކަމަށާއި، ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިބިލްގައި ހިމެނޭ އެހެނިހެން ކަންކަމުގެ ތެރޭގައި ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމުގެ އިތުރުން، ކޯޓު ތަކުގައާއި ޓްރައިބިއުނަލް ތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމަށްވެސް މި ބިލުން މަގުފަހިކޮށްދީ ފައިވެ އެވެ.

މި ބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ މިބިލް ހުށައެޅުން ލަސްވެއްޖެ ކަމަށް ވިދާޅުވެ ބިލަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ތަޅުމުގައިވެސް މި ބިލަށް ގެންނަންޖެހޭ ބައެއް ބަދަލުތައް މެމްބަރުން ވަނީ ހިއްސާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން