މިސްރުގެ ކައިރޯގައި މި މަހުގެ 12 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޝޫޓިންގ ޓީމާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިއާ ވަނީ ޝޫޓިންގ ޓީމަށް ހިތްވަރުދެއްވައި ރަނގަޅު ކާމިޔާބީއަކަށް އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ޝޫޓިންގ ޓީމްގެ ފަރިތަކުރުންތަކަށް ރޭންޖެއްގެ ދަތިކަން ހުރުމާއެކު އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގައި ޝޫޓިންގ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިމަހުގެ 9 ވަނަ ދުވަހު މިސްރަށް ފުރުމަށް ހަމަޖެހިފައިވާ ޝޫޓިންގ ޓީމުގައި ހިމެނެނީ ދެ ކޯޗުންނާއި ތިން ޝޫޓަރުންނެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޑިފެންސްއާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި އެ އެސޯސިއޭޝަންގެ ނާޢިބް ރައީސް ކާނަލް ޒުބައިރު އަޙްމަދު މަނިކާއި ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓަރީ ޖެނެރަލް ކާނަލް އަޙްމަދު ޝާމިންގެ އިތުރުން މިލިޓަރީ ސަރވިސް ޓު ދަ މިނިސްޓަރ އޮފް ޑިފެންސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދާއި "އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަން ޝިޕް" ގައި ބައިވެރިވާ ޝޫޓިންގ ޓީމް ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން