އަމީނީމަގު ތަރައްގީ ކުރުމަށް އެމަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވޭނެތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ކަނޑާތީ އެމައްސަލަ ކޯޓަށް ހުށައެޅުއްވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން "ޝުނާނާ އެންޑް ކޯ އެލްއެލްޕީ" އިންނެވެ.

އެމައްސަލާގައި ސިވިލްކޯޓުގެ ޤާޟީ މަރިޔަމް ވަހީދު މިއަދު ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ގަޟިއްޔާގައި ގާއިމުކޮށްފައިވާ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާންޖެހޭ އާންމު ޝަރުތުތައް މި މައްސަލައިގައި ފުރިހަމަ ނުވާކަމަށެވެ.

އެގޮތުން ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައި ނުވާކަމަށާއި، ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ އިއާދަނުކުރެވޭނެފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާންޖެހޭކަން އެނގެން ނެތްކަމަށާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ މިއަމުރަށް އެދުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ބެލެވެން ނެތްކަމަށް ނިންމުމުގައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ތާރުއެޅުމުގެ ބަދަލުގައި ގާ އަޅައިގެން މަސައްކަތް ކުރަން ވަނީ ލަފާދީފައި ކަމަށާއި، ގާ އަޅައިގެން އެ މަސައްކަތް ކުރާ ނަމަ، ގަސް ނުނަގައި އެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތަކުގެ ސަބަބުން ލިބޭ ފައިދާތައް އީއައިއޭ ރިޕޯޓުގައި ހިމަނާފައިނުވާ ކަމަށް ބުނެ، އެ ގަސްތައް ނެގުމުން ތިމާވެއްޓަށް ލިބޭނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވެސް ދައުވާ ފޯމުގައި ވަނީ ހިމަނާފައެވެ. އަދި އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

އަހުމަދު

24-Feb-2023

އަމީނީ މަގުގައިވާ ހުރިހާ ގަސްތައް ކެނޑުމުގެ މައްސަލާގައި އީޕީއޭއިން އެއްވެސް އެއްޗެއް ނުބުނެ ހަނުއޮތުމަކީ މިތަނުގައި މުސާރަ ދީފައި ބަޔަކު ބޭތިއްބުމާމެދު ސުވާލު އުފެދޭ ކަމެއް



ޓްރެންޑިން