ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާގައި ހުށަހަޅަން ޖެހޭ ރައްދުގެ ލިޔުންތައް ދަޢުލަތުން ލަހުން ހުށައެޅުމާގުޅިގެން، އެ ލިޔުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލާގައި އާޒިމާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޭނާއަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިއީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ކޮށްފައިވާ ދައުވާއެއްކަން އާޒިމާ ފާހަގަކުރަށްވާފައިވެއެވެ. އޭގެ އިތުރުން ދައުލަތުން އިއްވާފައިވާ ދެ ދައުވާއަށްވެސް އާޒިމާ ވަނީ އިންކާރު ކުރަށްވާފައެވެ.

އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި އާޒިމާގެ ވަކީލުން ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ޚިލާފަށް ކަމަށެވެ. އެގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާތާ ދެ ދުވަސް ތެރޭގައި އެ ހުށަހެޅުމެއްގެ ޖަވާބު ލިޔުމުން ހުށަހަޅަން ޖެހޭކަމަށް އާޒިމާގެ ވަކީޅުން ވިދާޅުވިއެވެ. ނަމަވެސް ދަޢުލަތުން އެ ލިޔުންތައް ހުށައަޅާފައިވަނީ 2 މަސް ފަހުންނެވެ.

އެކަމަށް ރައްދުދެމުން ދައުލަތުން ބުނީ ލިޔުންތައް ލަހުން ހުށައެޅި ނަމަވެސް ޤަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި އަނގަބަހުން ޖަވާބުދާރީވެފައިވާނެ ކަމަށެވެ.

ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ އަލީ އާދަމް ނިންމެވީ ދަޢުލަތުގެ ރައްދު ލިޔުންތައް ބަލައިނުގަތުމަށެވެ. އަދި ކޯޓަށް އެ ލިޔުންތައް ބަލައިގަނެވުނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. ޤާޟީ ވިދާޅުވީ ލިޔުންތައް ބަލައިނުގަތް ނަމަވެސް އަނގަބަހުން ޖަވާބުދާރީވުމުގެ ފުރުސަތު ދަޢުލަތަށް އޮންނާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި އާޒިމާގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހަޅަން ނިންމާފައި ވާއިރު އޭގެ ތެރެއިން ދެ ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ. އަދި އާޒިމާގެ ވަކީލުންގެ އެދިވަޑައިގަތުމުގެ މަތިންނާއި، ދަޢުލަތުންވެސް އިޢުތިރާޒް ނުކުރާތީ ޤާޟީ ވަނީ މިއަދުގެ އަޑުއެހުން ކުރުކޮށްލައްވާފައެވެ.

އާޒިމާގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ގއ. ވޮޑަމުލާ މައްސަލާގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިނަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯންޑަރ ކުރެއްވި ކަމުގެ ކުށް ދަށުކޯޓާއި ހައިކޯޓުގައި ސާބިތުވި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާޒިމާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތް ކުރަށްވައި، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް، މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލާފައިވާ އިރު އެ މައްސަލަ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާކުރާާނެއެވެ. ނުވަތަ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާ އިރު އެ މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން