ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް އަލްއުސްތާޛު އިބްރާހިމް މާހިރު ޢައްޔަނު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ އިސް ޤާޟީގެ ޒިންމާ ވަގުތީ ގޮތުން އުފުއްލަވަމުން ގެންދަވަނީ ވެސް ޤާޟީ މާހިރެވެ.

ޖޭއެސްސީން މިއަދު ބުނީ، ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް އިސް ޤާޟީއަކު ހޯދުމަށް އެކޮމިޝަނުން ކޮށްފައިވާ އިޢުލާނުގެ ދަށުން އެމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ރ.އަލިފުށި، މެޑޯޒް، އަލްއުސްތާޛު އިބްރާހިމް މާހިރު ކަމަށެވެ.

އެހެންކަމުން ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް މާހިރު ޢައްޔަންކުރުމަށް ފެންނަކަމަށް 2022 އޮކްޓުބަރު 5 ދުވަހު ބޭއްވުނު ކޮމިޝަންގެ 69 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

2005 ނޮވެންބަރު 09 ވަނަ ދުވަހު ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އިބްރާހީމް މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ޤާޟީކަމަށް ބަދަލުވެފައިވަނީ 2010 މޭ 23 އެވެ. ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި އަލްއުސްތާޛު އިބްރާހީމް މާހިރުވަނީ ޚިދުމަތް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން