ބާރ ކައުންސިލްގެ ބައެއް މެންބަރުން
ބާރ ކައުންސިލްގެ ބައެއް މެންބަރުން
ވަކީލުންގެ ހުއްދައާމެދު އެހެން ބަޔަކަށް ގޮތް ކިޔޭނެ ކަމަށް ނުދެކޭ ކަމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ބާ ކައުންސިލުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަކީ އެ ކައުންސިލަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން ވަކީލުންގެ ހުއްދައާމެދު އެހެން ބަޔަކަށް ގޮތް ކިޔޭނެ ކަމަށް ނުދެކޭ ކަމަށާއި، ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް އިއުތިރާޒުކުރާ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

"ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ކޮންމެ ފަހަރަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ހާލަތެއް ނޫން." ބާ ކައުންސިލުން މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.

ބާ ކައުންސިލުން ބުނީ ދިރިއުޅުމަށްޓަކައި ޢާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހަކަށް ލިބިފައިވާ ޙައްޤެއް ކަމަށެވެ. އެހެންކަމުން ފަނޑިޔާރު ކަމުގެ މަޤާމުގައި ހުންނަ މީހަކު ކޮންމެ ސަބަބަކާހުރެ ވަކިކުރި ނަމަވެސް، ބާ ކައުންސިލުގެ ދައުރެއް ނެތި ވަކީލު ހުއްދައާމެދު އެހެން ބަޔަކަށް ގޮތް ކިޔޭ ނަމަ، ގާނޫނުން ދީފައިވާ ބާރުތައް އެހެން މުއައްސަސާއަކަށް ފުރޮޅި، ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ވަކިކުރާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްވާ ގޮތަށް ސަރުކާރުން މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފައެވެ. ސަރުކާރުން މަޖިލީހަށް ހުށައެޅި އިސްލާޙުގައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުލޫކީ މައްސަލައެއް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރަން ފޮނުވާ ފަނޑިޔާރުންގެ ތެރެއިން މަޤާމުން ވަކިވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްވާނެ ކަމަށެވެ.

އަދި އެގޮތަށް ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލްވުމަށް ފަހު، ދެން އެ މީހަކަށް ރާއްޖޭގައި ވަކީލުކަން ކުރަން، ވަކީލު ކަމުގެ ހުއްދަ އަލުން ހޯދަން ހުށަހެޅޭނީ، އެ ހުއްދަ ބާތިލް ކުރާތާ ފަސް އަހަރު ފަހުން ކަމަށް އިސްލާޙުގައިވެއެވެ. ހަމައެއާއެކު ޖޭއެސްސީން ވަކިކުރަން ކަނޑައަޅައި މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުކަމުން އިސްތިއުފާދިނަސް އެ އުސޫލު އެ މީހެއްގެ މައްޗަށް ހިނގާނެ ކަމަށް ވެސް އިސްލާޙުގައިވެއެވެ.

ފަނޑިޔާރުންގެ ގާނޫނުގައި އޮންނަ ގޮތުން، ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ކޮމެޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން