ރާއްޖޭގައި ގެސްޓްހައުސް އިންޑަސްޓްރީ ދިވެހިން އެންމެއެދޭ މިންވަރަށް ކުރިނާރަނީ ޓެކްސްރޭޓް ބޮޑުވެގެން ނޫންކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙުތަކާ ގުޅިގެން މިހާރު ކުރިއަށްދާ މުޅިމަޖިލީހުގެ ކޮމިޓީގައި މިނިސްޓަރ އަމީރު ވިދާޅުވީ، ދިވެހިން އެންމެއެދޭ މިންވަރަށް ރާއްޖޭގައި ގެސްޓްހައުސް އިންޑަސްޓްރީ ކުރިއަރާފައިނުވަނީ ޓެކްސްރޭޓުގެ ސަބަބުން ނޫން ކަމަށެވެ.

އެކަމާ ގުޅިފައިވާ ގިނަ ކަންތައްތަކެއް ހުރިކަން އަމީރުވަނީ ފާހަގަކުރަށްވާފައެވެ. އެގޮތުން މިސަރުކާރުން އެކަންކަން ޙައްލުކުރަށްވަމުން ގެންދަވާކަމަށް އަމީރު ވިދާޅުވެފައިވެއެވެ. ޚާއްސަގޮތެއްގައި އަމީރު ފާހަގަކުރެއްވީ "އާރުޓީއެލް" ދަތުރުފަތުރުގެ ނިޒާމާއި، މުޅިރާއްޖޭގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެވެ.

"ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ އާރުޓީއެލަށް މި އިންވެސްޓް ކުރަނީ. 30 މިނިޓުން ދަތުރުކުރެވޭ ގޮތަށް އެއަރޕޯޓް މި ހަދަނީ. ރައީސްގެ ވަޢުދާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގަ ފެނާ ނަރުދަމާ އެބައެޅޭ. ފެނާއި ނަރުދަމާނެތި ރަށްރަށުގައި ގެސްޓްހައުސެއް ނުހިންގޭ." އަމީރު މިއަދު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެ މަސައްކަތްތަކަކީ ސަރުކާރުން ރާއްޖޭގައި ގެސްޓްހައުސްގެ ސިނާޢަތު ފުޅާކުރުމަށް ބޭނުންވާތީ ހިންގާ މަޝްރޫޢުތައް ކަމަށެވެ.

ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން