ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކުރާ ހަރަދު 17.5 އިންސައްތަ އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވީ އަންނަ އަހަރު 1،000 މުވައްޒަފުން ސިއްޙީ ދާއިރާއަށް އިތުރުކުރާނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ދައުލަތުން ކުރާހޭދަ މިއަހަރަށް ވުރެ 17.5 އިންސައްތަ އިތުރުވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެ ދާއިރާއަށް 5.02 ބިލިޔަން ރުފިޔާ ޚާއްސަ ކޮށްފައިވާ ކަމަށެވެ. މިއީ މިއަހަރާ އަޅާބަލާއިރު 11.7 ޕަސެންޓްގެ އިތުރުވުމެކެވެ. މިއަހަރުގެ ބަޖެޓްގައި ސިއްޙީ ދާއިރާއަށް ހަމަޖައްސާފައިވަނީ 4.49 ބިލިޔަން ރުފިޔާ އެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ކުރާ ހޭދައިގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، ޕޭ ހަމަނައިޒޭޝަނަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 493 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑު ކުރަން ހިމަނާފައިވަނީ 341 މިލިއަން ރުފިޔާ އެވެ.

އަމީރު ވިދާޅުވީ މުސާރަ އެއްހަމަކުރުމަށް އެކުލަވައިލާ އާ އޮނިގަނޑުން، ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން އަންނާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ފަސް ސަހައްދެއްގައި ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާނެކަމަށްވެސް އަމީރު މިއަދު ވިދާޅުވިއެވެ. އެކަމަށްވެސް 73 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން