މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ހިމަނާފައި ވަނީ ޤާނޫނާ ޚިލާފަށްނޫން ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ބުނެފިއެވެ.

މާލީ ވުޒާރާއިން މިމޭރުމުން ބުނެފައިވަނީ، އަންނަ އަހަރުގެ ބަޖެޓުގައި މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ހިމަނާފައިވަނީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސް ކޮށްފައި ވަނީ 36.9 ބިލިއަންގެ ބަޖެޓެއް ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ގޮތަށް 5.8 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށްވާ ފައިސާ ހިމެނުމުން މިއަހަރުގެ ބަޖެޓުގެ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މައްސަލައަކީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންނާ ފައިސާ ހިމެނުން ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ދަޢުލަތުގެ މާލީ ވުޒާރާއިން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ އެއީ ގާނޫނުތަކުގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފު ހުށައެޅުމެއް ކަމަށެވެ.

އެކަމާ ގުޅިގެން މާލީ ވުޒާރާއިން ބުނީ، މި އަހަރަށް މަޖިލީހުން ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުވީ 31.9 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިހާތަނަށް ބަޖެޓުގައި ނެތް ފައިސާއެއް ޚަރަދުކޮށްފައި ނެތްކަމަށް މާލީ ވުޒާރާއިން ބުނެއެވެ. އޭގެ އިތުރުން މިދިޔަ އަހަރުވެސް މަޖިލީހުގެ ލަފާގެމަތިން 2022 ގެ ބަޖެޓާއެކީ 2021 ގެ ބަޖެޓް ރިވައިސް ކުރި ކަމަށް މާލީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މާލީ ވުޒާރާއިން ބުނީ މިއަހަރަށް ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އޭގެ އިތުރުން ތިލަމާލެ ބްރިޖް މަޝްރޫއަށް މި އަހަރު ހަރަދުކުރަން 543.3 މިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، އެ ހަރަދު 924 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މާލީ ވުޒާރާއިން ލަފާކުރެއެވެ. ހަމައެއާއެކު އައްޑޫ މަގުހެދުމުގެ މަޝްރޫއަށް ބަޖެޓު ކޮށްފައިއޮތް 109.2 މިލިއަނަށް މިއަހަރު އިތުރު 80.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓާ އެކު ހުށަހެޅި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން ޖެހޭނީ އެ ބަޖެޓު ބޭނުންވާ ދުވަހުގެ 1 މަސް ދުވަސް ކުރިން ކަމަށާއި، އަދި އެބަޖެޓު ކުރިއާލައި މަޖިލީހުން ފާސްވެސް ކުރަން ޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ނ. އާއި ޙަވާލާދެއްވައި ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން