ރައްޔިތުން މަޖިލިީހުގެ ކޮމިޓީ ތަކުގެ މުގައްރިރުންނާ މަޖިލީހުގެ ރައީސް ބައްދަލު ކުރައްވަނީ
ރައްޔިތުން މަޖިލިީހުގެ ކޮމިޓީ ތަކުގެ މުގައްރިރުންނާ މަޖިލީހުގެ ރައީސް ބައްދަލު ކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނަން، "ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ" ގެ ނަމަށް ބަދަލުކޮށް އެ ކޮމިޓީގެ ބައެއް މަސްއޫލިއްޔަތުތައް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ހަވާލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ދެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފުށުއެރުންތަކެއް ހުރުމުން އެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައި ގެންފައިވާކަމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި އެކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީން ފާސްކޮށްފައިވަނީ، މަޖިލީހުގެ ގަވާއިދުގައި ދައުލަތުގެ އިދާރާތަކާގުޅޭ ކޮމިޓީތައް ބަޔާންކުރާ 107 ވަނަ މާއްދާ އަށާއި، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާން ކޮށްފައިވާ، 116 ވަނަ މާއްދާ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ 119 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.

އެގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެނަން، "ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ" އަށް ބަދަލުކޮށް، ހާރިޖީ ގުޅުންތަކާބެހޭ ކަންކަން ދިރާސާކުރުމާއި، ހާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމާއި، ހާރިޖީ ގުޅުންތަކާ ބެހޭގޮތުން، ޚާރިޖީ ވުޒާރާއާއި، ހާރިޖީ ދާއިރާއާ ގުޅޭ މަސައްކަތްތައް ރާވައި ހިންގާ ކޮންމެ އިދާރާއެއްގެ ކަންތައްތައް ބެލުމާއި، ގައުމަށް ދިމާވާ ކާރިސާތަކާ ގުޅުންހުރި އެކިއެކި ކަންކަން ދިރާސާކޮށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތާބެހޭ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ނެޝަނަލް ޑިޒާސްޓާ މެނެޖްމެންޓް އޮތޯރިޓީ ގެ ކަންކަން ބަލައި ޒިންމާދާރު ކުރުވުން ވަނީ ހިމަނައިފައެވެ.

އަދި އެ ދާއިރާތަކުން ހުށަހަޅާ ބިލްތައް ފުރިހަމަކޮށް، މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި އެ އިދާރާތަކުގެ އަހަރީ ރިޕޯޓްތައް ދިރާސާކުރުމާއި، އެ އިދާރާތަކުގައި ހިންގާ ކަންކަމާބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި ކުރާ ކަންކަން ބަލައި އޮޅުންފިލުވުމުގެ އިތުރުން އެކަންކަމާ ގުޅޭގޮތުން އާއްމުންގެ ފަރާތްތަކުން ހުށަހަޅާ ކަންކަން ދިރާސާކުރުންވެސް އެ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްސަދަކީ، ދެކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ދާއިރާތައް ތަކުރާރު ނުވެ، ކޮމިޓީތަކުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް މަގުފަހި ކުރުން ކަމަށް މަޖިލީހުގެ ޢާއްމު ކޮމިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން