ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ސަރުކާރުން ހިންގި ޕްރޮގްރާމެއްގައި ބައިވެރިވުމަށް އައިސް ތިބި ބިދޭސީން
ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ސަރުކާރުން ހިންގި ޕްރޮގްރާމެއްގައި ބައިވެރިވުމަށް އައިސް ތިބި ބިދޭސީން
ވޯކް ޕާރމިޓް ދޫކުރުން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ގެންދިއުމަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން އިމިގްރޭޝަން ޤާނޫނުގެ ގިނަ މާއްދާތަކެއްގެ ބާރު ކެނޑިގެން ދާނެ ކަމަށް ބުނެ ބިދޭސީންގެ ކަންކަމުގައި މިހާތަނަށްވެސް ބޮޑުތަނުން ފެއިލްވެފައިވާ މޯލްޑިވްސް އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ އިސް ބޭފުޅުންވަނީ، މިހާރު ވޯކް ޕާރމިޓް ދޫކުރުމުގެ ކަންކަމަށް ހުށައަޅާފައިވާ އިސްލާޙުތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ. އެގޮތުން މިހާރު ގެންނަން މަސައްކަތް ކުރާ އިސްލާޙުތަކުގެ ސަބަބުން އިމިގްރޭޝަން ޤާނޫނުގެ ބައެއް މާއްދާތައް ޕެރެލައިޒް ވެދާނޭ ކަމުގެ ކަންބޮޑުވުން އެފަރާތުން ވަނީ ފާޅުކޮށްފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ރައީސް އޮފީހުގެ ސިޓީގައި ވަނީ ބިދޭސީންނަށް ވޯކް ޕާރމިޓް ދިނުމުގެ ކަންކަމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިޔަށް ގެންދާނެ ކަންތައްތައް ކަމަށާއި، ވިސާ ދިނުމުގެ ކަންކަމަކީ މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާނެ ކަންކަންކަމަށެވެ. އަދި އިމިގްރޭޝަނުން ވޯކް ވިސާ ދޫކުރަންވާނީ، މިނިސްޓްރީން ދޫކުރާ ވޯކް ޕާރމިޓްގެ މައްޗަށް ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް އައްޑޫ ޝަރީފް ވިދާޅުވިއެވެ. އަދި އެކަމުގައި އިމިގްރޭޝަނަށް އިތުރު ފީއެއް ނުނެގޭނެ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ، ވިސާ ކިޔައިފިއްޔާ އެކަމުގައި އިމިގްރޭޝަން ބައިވެރިނުކުރާ ނަމަ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި، އެހެންނަމަވެސް ވިސާ އާ ގުޅުންހުރި ތަންފީޒީ ބައި އަންނަން ވާނީ އިމިގްރޭޝަނަށް ކަމަށެވެ.

އެހެން ނޫންނަމަ އެހެން މިނިސްޓްރީ ތަކުންވެސް މައްސަލަ ޖައްސާނެ ކަމަށާއި، ޓޫރިސްޓް ވިސާގެ ކަންކަމާއި، އެޑިއުކޭޝަން ވިސާގެ ކަންކަމުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނީ ވިސާގެ ކަންކަމުގައި އިމިގްރޭޝަނުގެ ރޯލެއް ނޯންނަގޮތް ވެއްޖެނަމަ އެކަން މޮނިޓަރ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން، ބޯޑަރ ކޮންޓްރޯލްގެ މަސްއޫލިއްޔަތަކީ އިމިގްރޭޝަންގެ މަސްއޫލިއްޔަތެއް ކަމާމެދު ދެކޮޅު ނުހައްދަވާކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތެރި މީހަކުނަމަ އެފަރާތެއް ހިފެހެއްޓުމުގެ ބާރު އިމިގްރޭޝަނަށް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ވިޔަފާރި ވިސާ އާއި، ވޯކް ޕަރމިޓް ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުށައެޅީ ސިންގަޕޯރ ގެ މޮޑެލް. އަޅުގަނޑުމެން މިހާރު އެއްބަސްވެއްޖައިން ސަރުކާރުގެ ތެރޭގައި. 9 ވަނަ މާއްދާއަކަށް މިހާރު އިތުރުބަދަލެއް ނާންނާނެ ވިސާއެއް އިމިގްރޭޝަނުން ޖަހާގޮތަށް ބޭއްވީމަ. ތަފާތަކަށް މިވީ ކުރިން ވޯކް ވިސާ، ވޯކް ޕާރމިޓް އެކައްޗެއްގެ ގޮތަށް އިމިގްރޭޝަނުން ދޭ ދިނުމުގެ ބަދަލުގައި ވޯކްޕާރމިޓް ދެން ދޭނީ އިކޮނޮމިކް މިނިސްޓްރީން. ފީ ނަގާނީ އިކޮނޮމިކް މިނިސްޓްރީން. އެ ފައިސާ ސީދާ ދާނީ މީރާއަށް. ވޯކް ވިސާ ޖަހަން އިމިގްރޭޝަނުން އިތުރު ފީއެއް ނަގައިގެން ނުވާނެ. އަދި އިތުރު ޑޮކިއުމެންޓޭޝަން ތަކަކަށް ބަލާކަށް ނުޖެހޭނެ." ފައްޔާޒް ވިދާޅުވިއެވެ.

ބިޒްނަސް ވިސާ ބަދަލުކުރުމަށް އެދުނު ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވީ، ބިޒްނަސް ވިސާއަށް އެޕްލައި ކުރާނީ މިނިސްޓްރީން ކަމަށާއި، ވިސާ ޖަހާނީ އިމިގްރޭޝަނުން ކަމަށެވެ. ސަބަބަކީ ވިޔަފާރި ކުރުމަށް ބިދޭސީއެއް އަންނަކަން ނުވަތަ ނޫންކަން އެނގޭނީ މިނިސްޓްރީއަށް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބަލާނީ ރާއްޖެ އެތެރެވާ މީހުންގެ ބޯޑަރ ސެކިއުރިޓީ އިޝޫތައް ކަމަށާއި، ވޯކް ޕާރމިޓާ ގުޅޭ ކަންކަން ބަލަހައްޓާނީ އެކަމާ ގުޅޭ ވުޒާރާއިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން