ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި މިދިޔަ އަހަރު 32 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުން ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް އެ ޚިދުމަތުން ވަނީ ހިންގާފައެވެ.

މި އޮޕަރޭޝަންތަކުގައި ޖުމްލަ 32 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 26 ބިދޭސީންނެވެ. މިފަދަ މައްސަލަތަކާ ގުޅިގެން މިދިޔައަހަރު ޖުމްލަ 28 މީހަކު ވަނީ ޑީޕޯޓް ކޮށްފައެވެ.

އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި މިދިޔަ އަހަރު ގިނަބަޔަކު ހައްޔަރުކޮށްފައިވާއިރު އިންސާނީ ވަގުފާރީގެ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނަށް މިހާރުވަނީ އިސްލާޙު ގެނެސްފައެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މީހުން ޓްރެފިކްކުރުމުގެ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށެވެ.

އަދި އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކްކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން