ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ކަންކަމުގެ ތެރެއަށް ވަދެވަޑައި ނުގަންނަވާނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުލުހުންގެ ބިލަށް ވާހަކަދައްކަވަމުން މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތައް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކުށްވެރިނުކުރީ ކީއްވެތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ހައްގުތައް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ކުރައްވާ ކަންކަމުގެ ތެރެއަށް ވެންނެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވެސް ވަނީ، ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ، އިޞްލާޙް ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި، އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފްރަތާއި ބައިބައިވުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ކޮންމެ ބައެއްގެ ތެރޭގައިވެސް އިޞްލާޙްކޮށް ރަނގަޅުކުރަންޖެހޭ ކަންކަން އަބަދުވެސް ހުންނާނެކަމާމެދު ޝައްކު ނުކުރަށްވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން