ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
މަރު ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރި ތިން މައްސަލައިގައި ޖިނާއީ ދައުވާ ނުއުފުލެންވީ ސަބަބު ސާފުނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތައް މަޖިލީހުގެ 241 ކޮމިޓީއަށް ހުށައަޅުއްވައިފިއެވެ.

ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މަރު ކޮމިޝަނުން ފޮނުވި ސިޓީގެ ތިން ވަނަ ނަންބަރުގައި ޑރ. އަފްރާޝީމް އަލީ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އަހްމަދު ރިޟްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ހަރުކަށި ފަރާތްތަކެއްކަން ފާހަގަކުރެވޭ ކަމަށާއި އަދި އަމަލީގޮތުން އެކަން ހިންގުމުގައި ބައިވެރިވެފައި ވަނީ މާލޭގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ މީހުން ކަމަށް ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ޝިރުކު ކުރުމުގެ ތުހުމަތު ކޮށްފައި ކަމަށާއި, ރިލްވާނާއި ޔާމީން މަރާލީ އިސްލާމްދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށް ތަހުގީގާ ހަވާލާދީ ކޮމިޝަނުން ފޮނުވި ސިޓީގައި ވާކަމަށެވެ.

"ބުނެވިދިޔަ ކަންކަން ކޮމިޝަނަށް ފާހަގަވާނަމަ، ކޮމިޝަނަށް އެ ފާހަގަވަނީ އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ޖިނާއީ އަމަލެއް ހިންގާފަައިވާކަން ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާކަމެވެ. ކަން މިހެން އޮތްއިރު، އެ އަމަލާ ގުޅިގެން ނުވަތަ އެ ކުށާ ގުޅިގެން އެ އަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ނުވަތަ އެ ކުށް ކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބަކީ ކޮބައިކަން ސާފެއް ނުވެއެވެ." ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރިލްވާނާއި، ޔާމީން ރަޝީދުގެ އިތުރުން، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން މީގެކުރިން މަރު ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވިއެވެ. މި ތިން މަރާ ގުޅިގެން ކޮމިޝަނުން ދައުވާކުރަން އެދުނީ މުހައްމަދު މަޒީދާއި، ސާމިތު މުހައްމަދުގެ މައްޗަށެވެ. ހަރުކަށި ފިކުރުގެ ޖަމާއަތް ހިންގައި ހަރަކާތްތައް ފުޅާކޮށް ހިންގާ ކަމަށް ތުހުމަތުކުރާ އެ ދެ މީހުންނަކީ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަންގެ ރިޕޯޓެއްގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކު ތަހުގީގު އިތުރަށް ފުރިހަމަކުރަން، ޕީޖީން ވަނީ މި މައްސަލަތައް އަނބުރާ ފޮނުވާލައިފައެވެ.

"ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައަކާ ގުޅިގެން ކޮށްފައިވާ ކަންކަމާއި، މައްސަލައިގެ ތެރޭގައި ހިމެނޭ ކަންކަން ވާއިރު، އަޅުގަނޑުގެ ނަޒަރުގައި ޑރ. އަފްރާޝީމް އަލީގެ މަަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މި މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓާއި، އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާ ގުޅޭގޮތުން މި މަޖިލީހާ ހިއްސާކޮށްފައިިވާ ހުލާސާ ރިޕޯޓުގައި ފާހަގަކޮށްފައިިވަނީ އެ ދެ މައްސަލައިގެ ތެރޭގައި ވެސް ހިމެނޭ ކަންކަމެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކާއި ހެކިބަސްދޭން ތިބި ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް، ސުވާލު ކުރިކަމަށް ތުހުމަތުކޮށް، އަދި އެކަމުގެ ސަބަބުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހިނގަމުންދާ ޝަރީއަތަށް ހެކިބަސްދޭން ތިބި ބަޔަކު ހެކިބަސް ދިނުމަށް އިންކާރުކުރާ ކަމަށް ބަޔާންކޮށް އެކަން ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮމިޝަނުގައި އެދިފައިވާކަމަށް، މަރު ކޮމިޝަނުގެ ސިޓީގެ ފަސް ވަނަ ނަންބަރުގަައި ބުނެފައިވާ ކަމަށެވެ.

ހަމައެއާއެކު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މަޖިލީހާއި ހިއްސާކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދެން އިތުރު އިއުތިރާފް ހެކިބަހެއް ބޭނުންވާނެ ކަމަށް ނުފެންނަ ކަމަށާއި، ހެކިބަސް ދޭން އިންކާރު ކުރާ ފަރާތްތަކުގެ ހެކިބަހާ ނުލާ ވެސް، ދައުުވާ އުފުލޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ އެ ރިޕޯޓުގައި ހިމެނޭކަމަށް 241 ކޮމިޓީ އަށް ފޮނުއްވި ސިޓީގައި ވެއެވެ.

"މީހަކާ ދެކޮޅަށް ހިންގޭ ކުށެއްގައި އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުން ބިނާވެފައި ވާނީ ބަޔަކު ދޭ ހެކި ބަހެއްގެ މައްޗަށް އެކަނި ކަމުގައި ދެކެން ދަތިކަމަށާއި އަދި ހެކިބަސްދޭން ތިބި ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކު ހެކިބަސް ދޭން އިންކާރުކުރުމުން އެ މައްސަލަ ސާބިތުވާ މިންވަަރަށް ޝަފައީ ހެއްކާއި މާއްދީ ހެކި ލިބިފައި ނުވާ ކަމަށް ދެކެން ވެސް ދަތި ކަމުގައި ދަންނަވަމެވެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ހަމައެއާއެކު ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް، ސިޔާސީ އެކިއެކި ފަރާތްތަކާއެކު ގާތް ގުޅުމެއް އޮތްކަން ފެންނަ ފަދަ ގޮތަކަށް ސިޔާސީ އެކިއެކި އިވެންޓުތަކުން ފެންނާތީ، އެކަމުގެ ސަބަބުން ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާމެދު އާންމުން ދެކޭގޮތް ބަދަލުވެގެންދާކަން ފާހަގަވާ ކަމަށާއި، އަދި އެއީވެސް ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ދިމާވާ ހުރަހެއް ކަމަށް މަރު ކޮމިޝަނުން ބުނެފައިވާކަމަށް ވެސް ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ފަރާތްތަކަކީ ކޮބައިިކަން ކޮމިޝަނުން އާންމުކޮށްފައި ނުވާކަމަށާއި، އެއީ ކޮން ބައެއްކަން ސާފުވަނިކޮށް ސިޔާސީ އެކިއެކި ފަރާތްތަކާއެކު ސިޔާސީ އިވެންޓުތަކުން އެމީހުން ނުފެނި، އެމީހުން ހަގީގަތުގައި ފެންނަން ޖެހޭ ތަންތަނުން އެމީހުން ފެންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު، ރިޟްވާންގެ މައްސަލައިގަައި ކޮމިޝަނުން އާންމުކުރި ރިޕޯޓު 241 ކޮމިޓީއަށް ލިބުމުން، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޭގެ ތަފްސީލް ރިޕޯޓު ހޯދަން ކޮމިޓީން އެދިފައިވާކަން ވެސް ސިޓީގަައި ވަނީ ފާހަގަކުރައްވައިފައެވެ. އަދި ތަފްސީލް ރިޕޯޓު ހިއްސާކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅެއް ލިބުމުން މަޖިލީހުގެ އިދާރާއަށް ފޮނުވާނެ ކަމަށް ކޮމިޝަނުން ބުނި ކަމަށް ވެސް ސިޓީގައިވެ އެވެ. ނަމަވެސް އޭގެ ފަހުން އަހަރަކާ ގާތްވެފައިވާއިރު، 241 ކޮމިޓީން އެކަން ބަލައި، ރިޟްވާން ގެއްލުވާލި މައްސަލައިގައި ގޮތެއް ނިންމުން މުހިންމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގަައި އިތުރަށް ހެކި ހޯދެން ނެތް ކަމަށާއި، އަދި މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް މަރު ކޮމިޝަނުން ބުނީ ތަހުގީގު ހުއްޓާނުލާ ކަމަށާއި، މަސައްކަތް ކުރިއަށްދާ ކަަމަށެވެ.

މަރުތަކުގެ ތަޙުޤީޤުގެ މައްސަލާގައި ރައީސް ޞާލިޙް ވަނީ ރިޔާސީ ކޮމިޝަނުން ބަލާ މައްސަލަތަކަށް އިިންސާފު ލިބެންދެން މެދުނުކެނޑި މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ކޮމިޝަނުން ތަޙްޤީޤްކުރާ މައްސަލަތަކުގައި ޝަރީޢަތަށް ފޮނުވަންޖެހޭ އެއްވެސް މީހެއްގެ މައްސަލަ މަޑުޖައްސާލައި ވަކިމީހަކަށް ވެގެން އެކަން ނުކޮށް ނުބާއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން