މާރޗްގެ ނިޔަލަށް އަހަރީފީ ނުދައްކައިފިނަމަ ޕަބްލިކް ނޯޓަރިންގެ ހުއްދަ ބާތިލުކުރެވޭ ގޮތަށް ޕަބްލިކް ނޯޓަރިންގެ ޤަވާއިދު އިސްލާޙު ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލާފައިވާ ޕަބްލިކް ނޯޓަރީގެ ގަވާއިދު އިސްލާޙުކޮށް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.

ޕަބްލިކް ނޯޓަރީގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގަވާއިދުގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޕަބްލިކް ނޯޓަރީގެ ދަފުތަރުގައި ހިމެނިފައިވާނަމަ، ފެށޭ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ، ބާ ކައުންސިލަށް ދައްކަންވާނެކަމަށެވެ.

އަދި މާޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ ނުދައްކާ ފަރާތްތަކުގެ ނަން ދަފުތަރުން އުނިކުރާނެކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބާ ކައުންސިލުން ވަނީ ލީގަލް ޕްރެކްޓިސްއާއި ލޯފާމްގެ އަހަރީ ފީ ދެއްކުމުގެ މުއްދަތުވެސް މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެގޮތަށް ނިންމާފައިވަނީ ގިނަ އަދަދެއްގެ ލޯ ފާމްތަކާއި ވަކީލުންގެ އެދުމުގެ މަތީން ކަމަށްވެސް ބާ ކައުންސިލުންވަނީ ބުނެފައެވެ.

ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ޤާނޫނީ ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުކޮށް އެފަދަ ލިޔުންތަކުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.

ބާ ކައުންސިލަށް ޕަބްލިކް ނޯޓަރީ ހުއްދައިގެ އަހަރީފީއާއި ލޯފާމްގެ ރަޖިސްޓްރީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ލީގަލް ޕްރެކްޓިސްގެ ރަޖިސްޓްރީގެ ގޮތުގައި އަހަރަކު 1،000 ރުފިޔާ ދައްކަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން