އަހުމަދު ޝާހް   10 ފެބްރުއަރީ 2023 - 15:45
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲއަށް ބަދަލު ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހައިކޯޓުން އެންގި މައްސަލާގައި އިސްތިއުނާފް މަރުހަލާގެ ބޭނުން ނަހަމަ ގޮތުގައި ސީއެސްސީން ހިފާފައިވާކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް 25 ޖުލައި 2017 ގައި އައްޔަން ކުރި މުސްޢަބު ސަސްޕެންޑު ކުރީ މެއި 2019 ގައެވެ. މުސްޢަބް ވަޒީފާ އިން ސަސްޕެންޑް ކުރީ އިސްލާމިކް މިނިސްޓްރީގެ ސިއްރު ލިޔުމެއް ޓްވިޓާ މެދުވެރިކޮށް ލީކު ކުރި ކަމަށް ބުނެ އެވެ. އެއީ މުސްޢަބާއި އިތުރު މީހަކު ގުޅިގެން އެ މިނިސްޓްރީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް އޭސީސީން ތަހުގީގުކޮށް މިނިސްޓްރީއަށް އޭސީސީން މައްސަލަ ނިންމައި ފޮނުވި ސިޓީއެކެވެ.

ގިނަ ދުވަސްތަކެއްވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު، މުޞްޢަބު މަޤާމުން ވަކިކުރީ 2019 ސެޕްޓެމްބަރު މަހުގައެވެ. އެ މައްސަލާގައި ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދަން ސިވިލް ކޯޓުގައި މުސްޢަބު ދަޢުވާކުރުމުން 2020 ވަނަ އަހަރު ސިިވިލް ކޯޓުން ޙުކުމްކުރީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުނުވާ ކަމަށެވެ.

އެހެންނަމަވެސް މުސްޢަބުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ކުރި ޙުކުމުގައި ބުނެފައިވަނީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މުޞްޢަބު މަޤާމުން ވަކިކުރުމަށްފަހު އެ މަޤާމަށް އެހެން މީހަކު އައްޔަންކޮށްފައިވާތީ ހޯދައިދެވެންއޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށާއި، ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދިނުމަށް ހައިކޯޓުގެ ހުކުމުގައި ނިންމަވާފައިވެއެވެ.

ނަމަވެސް، ހައިކޯޓުގެ ޙުކުމް ސިވިލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އެކޯޓުން މައްސަލަ ބަލާ ނިމެންދެން ހައިކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމަށެވެ.

މުސްޢަބަށް ބަދަލު ދިނުމަށް ހައިކޯޓުން ކުރި ޙުކުމަށް ސީއެސްސީން ޢަމަލުނުކުރުމުން، ތިން ދުވަސް ތެރޭގައި ހައިކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓުން އިތުރު އަމުރެއް ވެސް ނެރުނެވެ. ނަމަވެސް އެއަމުރު ހިފައިގެންވެސް ސީއެސްސީން ދިޔައީ ހައިކޯޓަށެވެ.

އެމައްސަލާގައި އިއްޔެ ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ސީއެސްސީން މަސައްކަތްކޮށްފައިވަނީ އިސްތިޢުނާފް މަރުޙަލާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ކަމަށެވެ. އެހެންކަމުން މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ކޯޓު ޚަރަދުގެ ގޮތުގައި 30000 ރުފިޔާ ހޯދުމަށް މުސްޢަބު ހުށައެޅި ހުށައެޅުން ސިވިލް ކޯޓަށް ހުށައެޅުމަށް ފުރުސަތު އޮތްކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އަމަލު ކުރަން ފެށި މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގައި ބުނެފައިވަނީ، ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މަޤްސަދުގައި މައްސަލައެއް އިސްތިއުނާފު ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާނަމަ، އެ ފަރާތުގެ ކިބައިން މައްސަލަ ރައްދުވާ ފަރާތަށް ކޯޓުގެ ހަރަދު އަތުލެވޭނެ ކަމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ދީބަނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން