ހަމަސް ތެރޭ 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް ޢަބްދުالله ޔާމީނަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އާރަށުގެ މައްސަލަ ކޯޓަށް ހުށަހެޅިއިރު ދައުލަތުން އެދިފައިވަނީ ރައީސް ޔާމީން ލޯންޑާކުރިކަމަށް ސާބިތުވާ އެއް މިލިއަން ޑޮލަރާއި، އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ.

އާރަށުގެ މައްސަލާގައި ރައީސް ޔާމީން 53 މިލިއަން ރުފިޔާ ދަޢުލަތަށް ދެއްކުމަށް އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކޮށްފައިވާ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި ރައީސް ޔާމީން 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޯޓުންވަނީ ޙުކުމް ކޮށްފައެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ.

މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެން ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން