ސަރުކާރުގެ އިސް މަޤާމުތަކެއް އަދާކުރަށްވާފައިވާ ޢައްބާސް ޢާދިލް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އައްބާސްގެ މައްޗަށް ކޮށްފައިވާ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން އައްބާސްގެ މައްޗަށް ކޮށްފައިވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ ކަމަށެވެ.

އައްބާސް ވަނީ 22 ޑިސެންބަރު 2022 ގައި "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަ ދައްކާފައިކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

“ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއާއި، 23 ޑިސެންބަރު 2022 ދުވަހު ޢައްބާސް ޢާދިލް ރިޟާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާތީ.” އައްބާހަށް ކޮށްފައިވާ ދައުވާގައި ބުނެފައިވެއެވެ.

އައްބާސްގެ މައްޗަށް ކޮށްފައިވާ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ ސާބިތުވެއްޖެނަމަ އޭނާއަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް އަންނާނެއެވެ.

އައްބާސްގެ ވާހަކައާ ގުޅިގެން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އޭނާގެ ވާހަކަތައް ކުށްވެރިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން