މަޖިލިހުގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު އަނިޔާވި މެންބަރު ޝިޔާމު އަތުލަފިކޮށްގެން އިދިކޮޅު ބައެއް މެންބަރުން ވަޑައިގަންނަވަނީ
މަޖިލިހުގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު އަނިޔާވި މެންބަރު ޝިޔާމު އަތުލަފިކޮށްގެން އިދިކޮޅު ބައެއް މެންބަރުން ވަޑައިގަންނަވަނީ
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރުން އަދިވެސް އޮތީ ކުރިއަށް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ ޖަލްސާ ވެސް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށާއި، މަލްޓި ޕާޓީ ޑިމޮކްރެސީގެ ނިޒާމެއްގައި އޮޕޮޒިޝަނާ ނުލައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާކަމީ ޑިމޮކްރެސީގެ ހަމަތަކާ ބީރައްޓެހި ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ، ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވަނީ އެ ކޯލިޝަނުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި ސަލާމަތާ ރައްކާތެރިކަން އަދިވެސް ކަށަވަރުވެފައި ނުވާތީ ކަމަށެވެ. އަދި އެކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލަމުންދާއިރު ވެސް މަޖިލީހުގެ ރައީސް އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ބިލުތަކެއް މަޖިލީހަށް ހުށަހެޅިފައިވާކަމަށާއި، ރައްޔިތުން ހިތްހަމަނުޖެހޭ އެތައްކަމެއް މަޖިލީހުން ހިނގަމުންދިޔުމާއި އެކުވެސް މެމްބަރުންގެ ރައްކާތެރިކަން އަދިވެސް ކަށަވަރު ނުވާކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި އަޑުއުފުލަންޖެހޭ ވަރަށް ގިނަ މައްސަލަތައް ހުރެމެ، މައިނޯރިޓީއަށް އެ ފުރުސަތު ނުލިބޭތީ ހިތާމަކުރާ ކަމަށްވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ބޭއްވި ޖަލްސާއަށް ފަހު، އިދިކޮޅު މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. އެހެންކަމުން އެ މެންބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ މެންދަމު ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ. މިހާދިސާގައި ޝިޔާމަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން