ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ފަތުރުވެރިއެއްގެ ލޯ މަތީގައި ޖެހި މީހަކު ދިހަހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

ވ. ފުލިދުއަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު ފަތުރުވެރިއެއްގެ ލޯމަތީގައި ޖެހި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

އެ މައްސަލާގައި ވ. ފުލިދޫ ހުވަނދުމާގޭ އިބްރާހިމް ފިފްޝާންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. ޕީޖީން އުފުލި ދައުވާގައި ބުނެފައިވަނީ، އެ ރޭ ހަތެއް ޖަހާކަންހާއިރު އެ ރަށު ޖެޓީ ކައިރީގައި ހުރި ޗައިނާގެ ފިރިހެން ރައްޔިތެއްގެ ލޯ މަތީގައި ފިފްޝާން ޖަހާފައިވާ ކަމަށެވެ. އެ ދައުވާއަށް ފިފްޝާން ވަނީ އިއުތިރާފް ވެފައެވެ.

އަނިޔާއެއް ދިނުމުގެ ކުށަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އަސާސީ އަދަބުގެ މިންގަނޑަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އެކުށަށް ފިފްޝާން އިއުތިރާފްވުމުން އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްކޮށް އެކުށަށް ކަނޑައަޅަންޖެހޭ އަދަބަކީ އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

ޖަލަށް ލުމުގެ ބަދަލުގައި ފިފްޝާން ވަނީ އަދަބެއްގެ ގޮތުން ޖޫރިމަނާ ކޮށްދިނުމަށް އެދިފައެވެ. އެކަމަށް ޕީޖީގެ ވަކީލުން ވެސް އިންކާރުކޮށްފައެއް ނުވެއެވެ.

އެހެންކަމުން ފުލިދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައިވަނީ ފިފްޝާން, 10,800 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން