މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖާއި ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް މިއަދު ޢާއްމުކޮށް ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މި ދެ ޢިމާރާތް ބިނާކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާއިރު މި ޕްރޮޖެކްޓްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި އެޢިމާރާތްތަކަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންގސް ހޯދައި އިންސްޓޯލުކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ ހިންގުމާ ހަވާލުވާ ފަރާތުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށް ކަމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށް ކަމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އޭގެއިތުރުން މި އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެ ކަމަށްވެސް މިނިސްޓަރީން ވަނީ ބުނެފައެވެ. އަދި ދަރިވަރުންނާއި ތަނުގެ އިދާރީ މުވައްޒަފުންނަށް ރަޙުމަތްތެރި މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ދެ މަޝްރޫއަކީވެސް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓަކަށްވާއިރު މާލެ އަތޮޅު ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތްވެސް ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކޮށްފައެވެ.

އެހެންކަމުން މި އިންސްޓިޓިއުޓްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ރިކްއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓާއި ގުޅޭ ޓެންޑާ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ހުށައަޅަމުން ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން