އިދިކޮޅު އެއްވުމެއްގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ޙަމަލާދިނުމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މާރިޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި އޭނާ ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައިކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން އެއްވުމުގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



ފުލުހުން ބުނީ ނޫސްވެރިޔާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވިޑިއޯއަކުން ފެންނަނީ ފުލުހުންގެ ހައްޔަރަށް ގެންދިޔަ މީހެއްގެ ފޮޓޯ ނަގަން ނުވަތަ ވިޑިއޯކުރަން ނޫސްވެރިޔާ މަސައްކަތް ކުރި ވަގުތު ފުލުހަކު އެ ނޫސްވެރިޔާ ފަހަތަށް ކޮއްޕާލުމުން އޭނާ ވެއްޓޭ މަންޒަރެވެ. ނޫސްވެރިޔާ ވެއްޓުމުން ތެދުވެގެން ގޮސް އޭނާ ކޮއްޕާ ވައްޓާލި ފުލުސް މީހާ ކަމަށް ބެލެވޭ ފުލުސް މީހާގެ ފަހަތުން ގޮސް އޭނާ ކޮއްޕާލާ އޭނާއަށް ގޮވާ ނޫސްވެރިޔާގެ ކަރުގައި އޮތް ފާސް ދައްކާ މަންޒަރު ވެސް ފެނެއެވެ. އޭގެ ފަހުން ދެން ފެންނަނީ ނޫސްވެރިޔާ ފުލުހުންގެ ހައްޔަރަށް ގެންދާ މަންޒަރެވެ.

މި ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ބަލާއިރު ނޫސްވެރިޔާއަށް ފުރަތަމަ ހަމަލާދިނީ ނޫނީ ހުރަސްއެޅީ ފުލުސް މީހާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން