ސިޔާސީ މަޤާމުތަކުގައި ތިބެވޭނީ ސަރުކާރުގެ ސިޔާސަތު ޤަބޫލުކުރެވޭ މީހުންނަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ މިމޭރުމުން ވިދާޅުވެފައި މިވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ޙުސައިން އަމްރު މިއަދު މަޤާމުން ވަކިކޮށްފައި ވަނިކޮށެވެ. އަމްރު ގެންދަވަނީ ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާޢީދު ނުކުރަށްވާނެ ކަމަށް ވިދާޅުވެފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި އިސްކޮށް ޙަރަކާތްތެރިވަމުންނެވެ.

އަމްރު މަޤާމުން ވަކިކުރުމަކީ ވަޒީފާގެ ބިރު ދެއްކުން ކަމަށާއި ރައީސް ޞާލިޙްގެ ވެރިކަމުގައި އެއްވެސް މުވައްޒަފަކު އެމީހެއްގެ ސިޔާސީ ފިކުރު ގެންގުޅޭގޮތުން މަޤާމުން ވަކިނުކުރާނެކަމަށް ރައީސް ވިދާޅުވިކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ރައީސް ޞާލިޙަށް ފާޑުކިޔަމުންނެވެ.

ރައީސަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ ސިވިލް ސަރވިސް މަޤާމެއްގައި ހުންނެވި އެއްވެސް ފަރާތެއްގެ ސިޔާސީ ފިކުރު ތަފާތުވެގެން މަޤާމުން ވަކި ނުކުރާނެކަމަށް ރައީސް ޞާލިޙް ވިދާޅުވުމުގެ މާނައަކީ ސަރުކާރުގެ ސިޔާސަތު ޤަބޫލުނުކުރެވޭ މީހުން ސިޔާސީ މަޤާމުތަކުގައި ތިބުމެއްނޫން ކަމަށެވެ.

“އެއީ އިދިކޮޅު ލީޑަރަށް ޑިފެންސް މިނިސްޓަރކަން ދިނުމެއް ނޫން.” ޑރ. ޑީޑީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން އަމްރު ވަކިކުރަން ނިންމާފައިވަނީ އެފަދަ ބަދަލެއްގެ ގޮތުން ކަމަށްވެސް މިއުވާން މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް