ރަމަޟާން މަހުގެ އިނާޔަތު ފައިސާ ނުލިބޭ މުވައްޒަފުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށައެޅުމަށް އެއިދާރާއިން އެދިއްޖެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފައިވަނީ، ރަމަޟާންމަހުގެ އިނާޔަތް ގާނޫނާ އެއްގޮތަށް ލިބިފައި ނުވާނަމަ އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެ އޮތޯރިޓީ އަށް ޙާޟިރުވެ ޝަކުވާ ހުށައެޅުމަށް އެދޭ ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 (ތިންހާސް) ރުފިޔާ ދޭންވާނެ ކަމަށެވެ.

އެހެންކަމުން ވަޒީފާދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުންވެސް، ރަމަޟާން މަސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މީގެ ކުރިން އަންގަވާފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ނުދޭކަމަށެވެ. އަދި ޢިނާޔަތް ދިންކަމުގައިވިޔަސް، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް