ޖުމްހޫރީ ޕާޓީގެ ދާއިރާ ރައީސުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

ޖޭޕީން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ 87 އިދާރީ ދާއިރާއަށް ވެސް ރައީސުން އިންތިޚާބު ކުރުމަށެވެ. ޖޭޕީގެ އެތެރޭގެ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިމަހުގެ 14 ވަނަ ދުވަހު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.

ޖޭޕީން ކުރި އިއުލާނެއްގައި ވަނީ ދާއިރާ ރައީސް ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެޕާޓީގެ މެންބަރުން އަންނަ އޭޕްރީލް 20 ދުވަހުގެ 15:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރުމަށްފަހު ޕާޓީގެ ނަމްބަރު 7478414 އަށް ވަޓްސްއެޕް ކޮށްދިނުން އެދޭކަމަށެވެ. ހަމައެއާއެކު އެމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމާއި، ފޯމާއިއެކު ހުށަހަޅަން ޖެހޭ ތަކެތި މާފަންނު ކްނޫޒަށްވެސް ހުށަހެޅޭނެ ކަމަށް އިއުލާންގައިވެއެވެ.

ދާއިރާ ރައީސުން އިންތިޚާބު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޖޭޕީން ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްޙާމް އަޙްމަދު ޗެއަރ ކުރަށްވާ މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފާއި، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ޙުސައިން މަނިކާއި، ލީޑަރުގެ އެޑްވައިޒަރު އަބްދުالله އަހުމަދާއި، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުالله ނަވާޒާއި، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަޙުމަދާއި، ޕާޓީގެ ނައިބު ލީޑަރ އިގްބާލް އާދަމާއި، ލީޑަރުގެ އެޑްވައިޒަރު ހަސަން މުޣުނީ އާއި، ޕާޓީގެ ނާއިބު ލީޑަރު އަހުމަދު ސައުދު އާއި، ސުލޫކީ ކޮމެޓީގެ ޗެއަރ ޙުސައިން ޝަހުދީ އާއި، ޖޭޕީ ޒުވާނުންގެ ލީގުގެ ރައީސް ޢަބްދުالله ޔާމީން ރަޝީދެވެ.

ޖުމްހޫރީ ޕާޓީން މިހާރުވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށްވެސް ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް