ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހަކު ދޫކޮށްލައިފިއެވެ.

އިދިކޮޅު ޕީޕީއެމް،ޕީއެންސީން މިއަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ މޮޓޯކޭޑަށް ހުރަސްއެޅުމާގުޅިގެން 5 މީހަކު ފުލުހުންގެ ބަންދުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް އޭގެތެރެއިން ދެމީހުން ބަންދުން ދޫކޮށްލީ އެމީހުންގެ ބަންދު މުރާޖަޢާ ކުރުމަށް ކޯޓަށް ޙާޟިރު ކުރުމުންނެވެ.

އެ ދެ މީހުން ދޫކޮށްލާފައިވަނީ އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. އެ ދެ މީހުން ދޫކޮށްލީ ޝަރުތުކުރުމަށްފަހުގައެވެ. އެއީ 39 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. އެމީހުން ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވަނީ އެމީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވުމަށް އޮތް ފުރުސަތު ކުޑަކަމަށާއި، އަދި ކުށް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނަ ކަމަށެވެ.

މި މައްސަލާގައި މިހާރު ބަންދުގައިތިބި ތިން މީހުންގެ ތެރެއިން 54 އަހަރުގެ މީހާ ފިޔަވައި ދެން ތިބި ދެ ފިރިހެނުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އުމުރުން 54 އަަހަރުގެ މީހާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސްގެ މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކޮށްފައިވަނީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން