ރައީސް ޔާމީންގެ ވެރިކަމުގައި ޝިފާޒް ފުލުހުންގެ ބަންދަށް ގެންދަނީ
ރައީސް ޔާމީންގެ ވެރިކަމުގައި ޝިފާޒް ފުލުހުންގެ ބަންދަށް ގެންދަނީ
ދައްޗާއި އަނިޔާގައި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް، ޝިއްޕެ ކުރެއްވި މަަސައްކަތުގެ އަގުނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިމޭރުމުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރކަމުގެ މަޤާމުން މިއަދު ވަކިކުރެއްވުމާ ގުޅިގެންނެވެ. އީވާ ވިދާޅުވީ އެމްޑީޕީ ނެގެހެއްޓުމަށް ނުހަނު ދައްޗާއި އަނިޔާގައި ނައިބުރައީސް ޝިފާޒް ކުރެއްވި ގަދަފަދަ މަަސައްކަތް އަގުނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޞާލިޙަށް މިއަދު މަޤާމުގައި ހުންނެވެނީ ޝިއްޕެ ފަދަ އެތައް ބައެއްގެ ހިންމަތުންކަން ހަނދާން ނައްތާލައްވައި ޝިއްޕެ މަޤާމުން ވަކިކުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު މިއީ ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެފައިވާކަން ދައްކުވައިދިން ކަމެއް ކަމަށްވެސް އީވާ ވިދާޅުވިއެވެ.



އީވާގެ އިތުރުން ޝިއްޕެގެ ދިފާޢުގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޝުޖާގެ ކުރިން ބާރަށު ދާއިރާގެ ގޮނޑި ފުރުއްވާފައިވަނީ ޝިއްޕެއެވެ. ޝުޖާ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުން މޮޅުވާނީ ރައީސް ނަޝީދާއި، ޝިފާޒް ކަމަށާއި، އިންތިހާބުން ބަލިވާނީ ރައީސް ޞާލިޙް ކަމަށެވެ.

ޝިއްޕެ ރައީސް އޮފީހުގެ މިނިސްޓަރކަމުން ވަކިކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ، ރައީސް ޔާމީނުގެ ދައުރުގައި އެމްޑީޕީ ފަނޑުނުވެ ހިފެހެއްޓެވި އެންމެ އިސް އެކަކީ ޝިފާޒު ކަމަށެވެ. އަދި މިއަދު ޝިފާޒު މަޤާމުން ވަކިކުރުމަކީ ރައީސް ޞާލިޙްގެ އެއްވެސް އަގަލެއް ނެތްކަމުގެ ސާފު ހެއްކެއް ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

"ރައީސް ޞާލިޙަށް ވެރިކަމަށް އާދެވުމުގައި ރައީސް ޞާލިޙަށްވުރެވެސް ބުރަ މަސައްކަތާއި ގިނަ ވަގުތު ދެއްވީވެސް ޝިފާޒު." ވައްޑެ ވިދާޅުވެފައިވެއެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ އެންމެ އިސްސަފުގައި ހިމެނިވަޑައިގެންނެވި ޝިފާޒު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ކުރަށްވާފައެވެ. ވަޒީރުކަމުގެ މަގާމުން ވަކިކުރެއްވިއިރު ޝިފާޒަކީ އެމްޑީޕީގައި އުފެދިފައި އޮތް ދެ ފެކްޝަނުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގަަންނަވާ ބޭފުޅެވެ.

މިކަމާގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޝިފާޒް މަޤާމުން ވަކިކުރައްވާފައިވާއިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހުސައިން އަމްރު ވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭނާއަކީވެސް ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން