ރައީސް ޔާމީންގެ ދިފާޢީ ވަކީލުން
ރައީސް ޔާމީންގެ ދިފާޢީ ވަކީލުން
ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓަށް އިސްތިއުނާފީ 3 ނުކުތާއެއް ހުށައަޅާފައެވެ.

އެގޮތުން ދަޢުލަތުގެ ފަރާތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިފައިވާއިރު، އެ ހެކިތައް ބަލައިގަންނަން ނުޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމި ނުކުތާ ވަނީ އިސްތިޢުނާފް ކޮށްފައެވެ. ހަމައެއާއެކު، ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ކަންކަމަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާނުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ ތަގުދީރީ އިހްތިޔާރުގެ ދަށުން ނިންމާ ނިންމުންތަކަށް އިސްތިއުނާފު ކޯޓަށް ވަދެވޭނީ މަދު އިސްތިސްނާއީ ހާލަތެއްގައި ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ދަޢުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ހެކި ބަލައިގަންނަ މައްސަލައެއް އިސްތިޢުނާފަށް ހުށަހެޅޭނެ ހާލަތެއް މި މައްސަލާގައި ވުޖޫދުގައި ނެތް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ދަޢުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ދަޢުލަތުން މި މައްސަލާގައި ހުށައަޅާފައިވަނީ ބޭކާރު ހެކިތަކެއް ކަމަށާއި މައްސަލައާ ގުޅުހުރި ހެއްކެއް ނެތް ކަމަށެވެ. މިމައްސަލާގައި ދަޢުލަތުން މުޅީން އެހެން މުއާމަލާތްތަކަކާއި ގުޅިގެން ދައްކާފައި ހުރި ވާހަކަތަކެއް މި ދައުވާތަކުގެ ތެރެއަށް ވައްދަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

އޭގެ އިތުރުން ޔާމީންގެ ވަކީލުން ވިދާޅުވީ ދަޢުލަތުން މަސައްކަތް ކުރަނީ ބަޔަކު ހާޒިރުކޮށްގެން ތަފާތު ތުހުމަތުތަކެއް އުފައްދައިގެން ރައީސް ޔާމީންގެ އަބުރު ކަތިލަން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމަވާލެއްވީ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައިގެ ޙުކުމް އިއްވަވާނެ ކަމަށެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ރ. ފުއްގިރި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަށްވާފައެވެ. އަދި ދެފަރާތުންވެސް ވަނީ މައްސަލާގައި ހެކި ހުށައަޅައިފައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ރައީސް ޔާމިނާއި ދެކޮޅަށް 82 ހެކި ވަނީ ހުށަހަޅާފައެވެ. އަދި ރައިސް ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ.

މި މައްސަލާގައި ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން