ހަމަސް ތެރޭ 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެމައްސަލާގައި ރައީސް ޔާމީނުގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއަކީ އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރި ޙުކުމުގައި ފައިސާ ހޯދުމުގެ އަމުރު ހިމަނާފައި ނުވުމެވެ. ދައުލަތަށް މުދަލާއި ފައިސާ ނަގަން ކުރާ އަމުރު މައުޟޫއީ މައްސަލައިގައި ހުކުމުގައި ހިމަނަން ޖެހޭނެ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މިއަދު ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުން ދަޢުލަތަށް ދެއްކުމަށް ރައީސް ޔާމީނަށް އަންގާފައިވާ 53 މިލިއަން ރުފިޔާގެ ތެރޭގައި ސައްހަ މަގުން ޙަލާލުގޮތުގައި ޤާނޫނާ އެއްގޮތަށް އެމަނިކުފާނު ހޯއްދެވި ފައިސާވެސް އެބަހުރި ކަމަށެވެ. އަދި އެއީ މިމައްސަލައާ ގުޅުމެއް ނެތް ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ ކުރިން އެކަންކަމާމެދު ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ރައީސް ޔާމީނަށް ލިބިދީފައިނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި އެ ފުރުސަތު ރައީސް ޔާމީންގެ ވަކީލުންނާއި ދައުލަތަށް ލިބިފައިވާ ކަމަށެވެ. ހަމައެއާއެކު ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާއިރު މަޢުޟޫއީ މައްސަލައިގެ ހުކުމުގައި އެ ވާހަކަ ހިމެނުމަށް ޖިނާޢީ އިޖުރާއަތުގެ ޤާނޫނު ލާޒިމް ނުކުރާކަން ދަޢުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން މައުޟޫއީ މައްސަލައިގެ ފަހުން އެފަދަ އަމުރެއް ނެރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށާއި، އޭގެ ސަބަބުން މައުޟޫއީ މައްސަލައަށް ކުރާނެ އަސަރެއް ވެސް ނޯންނާނެ ކަމަށް ދަޢުލަތުގެ ވަކީލުން ފާހަގަކުރެއްވިއެވެ. އެހެންކަމުން ދައުލަތުން ވަނީ މި އަމުރު ބާތިލު ކުރަން ޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑަައަޅުއްވައި ދެއްވުމަށް އެދިފައެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، މި ބާވަތުގެ މައްސަލަތަކަކީ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ކަނޑައަޅާފައިވާ މައްސަލަތަކެއްކަމަށް ވާއިރު، އޭޕްރީލް 8 ގެ ކުރިން މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭކަމަށެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

އާރަށުގެ މައްސަލަ ކޯޓަށް ހުށަހެޅިއިރު ދައުލަތުން އެދިފައިވަނީ ރައީސް ޔާމީން ލޯންޑާކުރިކަމަށް ސާބިތުވާ އެއް މިލިއަން ޑޮލަރާއި، އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ.

މި މައްސަލާގައި ރައީސް ޔާމީން 53 މިލިއަން ރުފިޔާ ދަޢުލަތަށް ދެއްކުމަށް އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކޮށްފައިވާ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި ރައީސް ޔާމީން 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޯޓުންވަނީ ޙުކުމް ކޮށްފައެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ.

މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުންވަނީ ޖޫރިމަނާކޮށްފައެވެ. އެހެންނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


4

ހަސީނާ

04-Apr-2023

ލަދެންހަޔާތެއްނެތި ހަލާލުފައިސާއޭ އެބަކިޔައެއްނޫން! ހަރާންގޮތުގައި ހޯދި އެއްމެ ފައިސާފޮއްޗެ އޭގެ ތެރޭގައިވިއަސް އެވާނީ ހުސް ހަރާން ފައިސާއަށް!



ފަހުގެ ލިޔުންތައް