ބޯކޮށް ވާރޭ ވެހި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވީ ސްޓޯމް ވޯޓަރ ޕަންޕުތައް ނުޖައްސާ ހުރުމުން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ވަނީ ދެ ފޫޓާއި ތިން ފޫޓަށް ފެން ބޮޑުވެފައެވެ. މިއީ ފަހަކަށްއައިސް މާލޭގައި މިހާ ބޮޑަށް ފެންބޮޑުވި ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ޢާއްމުން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މޭޔަރ މުއިއްޒު މިއަދު ވިދާޅުވީ މާލޭގައި ފެންބޮޑުވުމަށް މެދުވެރިވީ ސްޓޯރމް ވޯޓާރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕްތައް އޮން ނުކޮށް ގިނަ އިރުތަކެއް ވުމުން ކަމަށެވެ. އަދި އެއީ ދެރަކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ސްޓޯރމް ވޯޓާރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕްތައް ސްވިޓްޗް އޮންނުކޮށް ގިނަ އިރުތަކެއް ވެގެން ދިޔުމަކީ ދެރަކަމެއް. އަދި ކިރިޔާ ޕަމްޕްތައް ޖެއްސުނީ؟" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ މާލެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއު ވެސް ވަނީ އަނބުރާ ގެންގޮސްފައިކަމަށެވެ. އަދި އެކަމުގެ ސަބަބުން މަގުތައް ހެދިފައިނުވާ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ފެން ބޮޑުވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ހުރި ކުނިތައްވެސް އަންނަނީ ފެންގަނޑުގެ ތެރެއިން އޮޔާދަމުންނެވެ. އަދި ވެހިކަލްތައް ދުއްވުމަށްވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:00 އިން 12:00 އަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅުން ވ އަތޮޅަށް ވައިޓްއެލާޓު ވެސް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް