ވަޒީރުންނާ ސުވާލުކުރެއްވުމަށް މިހާރުވެސް 20 ސުވާލެއް ކިއުގައި އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ޔޯގާ މައްސަލައާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާ ސުވާލުކުރުމަށް ތާވަލު ކޮށްފައި ވަނިކޮށް، މޮސްޓާ ސުވާލު އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މޮސްޓާ ހުށަހެޅުއްވި ސުވާލު އޭނާ އަނބުރާ ގެންދަވާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މީގެ ކުރިންވެސް ވަޒީރަކާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވުމަށްފަހު ސުވާލު ކުރައްވަން ވަގުތު ކައިރިވުމުން ސުވާލު އަނބުރާ ގެންދެވުމަކީ މޮސްޓާ ކުރައްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެފަދައިން މެންބަރުން ކަންކުރެއްވުމުން އެހެން މެންބަރުންނަށް ފުރުސަތު ގެއްލޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް ވަޒީރުންނާ ސުވާލު ކުރެއްވުމަށް 20 ސުވާލެއް ކިއުގައި އެބައޮތް ކަމަށެވެ.

އެހެންކަމުން އެހެން މެންބަރުންގެ ފުރުސަތަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުންވެސް އެފަދަ ޢަމަލުތައް ތަކުރާރު ނުކުރެއްވުމަށް ރައީސް ނަޝީދު މިއަދުވަނީ އެދިވަޑައިގެންފައެވެ. އަދި އެފަދަ ހާލަތުގައި މަޖިލީހުގައި އަމަލުކުރާނެ އުސޫލަކާމެދު މެންބަރުން ވިސްނާވަޑައިގަތުމަށް ރައީސް ނަޝީދު މިއަދު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް