އަހުމަދު ޝާހް   4 އޭޕްރީލު 2023 - 16:3
ޖެނީވާގައި ހުންނަ އ.ދ އޮފީހުގެ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އާސިމް އަހްމަދު ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރެއްވުމަށް ނިންމަވައިފިއެވެ.

ޑރ. އާސިމަކީ އ.ދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަޤާމުވެސް އަދާކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. އާސިމް ރައީސް ޞާލިޙަށް ތާޢީދު ކުރަށްވަން ނިންމަވާފައިވާއިރު އޭނާ އަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާޢީދު ކުރަށްވައި ޑރ. އާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ޒަޢާމަތުގައި ރާއްޖެއަށް ތަރައްޤީ އާއި ކުރިއެރުމާއި އިޖުތިމާޢީ ހަމަޖެހުން ގެނެސްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމާފައިވާކަމަށް ޑރ. އާސިމް ވިދާޅުވިއެވެ.



ޑރ. އާސިމްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް ވަޒީރުންނާއި ނާއިބު ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަފީރުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާނެކަން ހާމަކޮށްފައެވެ.

ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު ސަރުކާރުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ވަނީ އެބޭފުޅުންގެ މަޤާމުތަކުގެ ދިފާޢުގައި ޖޭޕީން އިސްތިޢުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް