ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު ހަައިކޯޓުން މިއަދު ބަލައިގެންފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ހައިކޯޓަށް ބަލައިގަނެ އެ މައްސަލަ ރަޖިސްޓްރީކުރީ މިއަދުއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވެފައިވާތީ 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާތީ 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިން އަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފަައިވާއިރު އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދޭނެ ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެން ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން