ކ. އަމީންގިރި ރިސޯޓުން ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކ. އަމީންގިރި ރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިން އަށް ދިޔަކަމަށްބެލެވޭ ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަަށްގެންދާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މިގޮތުން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން 124،600 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 123 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ކޯސްޓްގާޑްގެ އުޅަނދުފަހަރުން ބަލާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ވައިގެ މަގުންވަނީ 330 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް ކުރި މަސައްކަތުން މި ފަތުރުވެރިޔާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ.

އެ ފަތުރުވެރިޔާގެ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ވެސް ބަލައިދިނުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ. އަދި އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށްވެސް ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން