އަލްމަދަރަސަތުލް އަރަބިޔަތުލް އިސްލާމިއްޔާގެ އަންހެން ދަރިވަރުންގެ މޫނު ބުރުގާ ނަގަން އެންގި ކަމަށް ބުނެ، އެމައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ މޫނު ބުރުގާ އަޅާ ދަރިވަރުންނާމެދު ސަރުކާރުން ޢަމަލު ކުރަމުންދާގޮތުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރަމުންދާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ކުދިންގެ ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ފޮނުއްވި ސިޓީގައި އާޒިމާ ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން މޫނު ބުރުގާ އަޅާ ކުދިންގެ ހައްގުތަށް ގެއްލޭގޮތަށް ސަރުކާރުގެ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރަމުން ދިއުމަކީ ތަޢުލީމު ލިބިގަތުމުގެ ޙައްޤުން އެކުދިން މަޙުރޫމް ވެދާނެ ކަމެއްކަމަށް އާޒިމާގެ މައްސަލާގައި ފާހަގަ ކުރަށްވާފައިވެއެވެ. ހަމައެއާއެކު، ހުރިހާ ކުދިންނަށް ވެސް ތަޢުލީމުގެ ޙައްޤު ލިބެމުންދާކަން ކަށަވަރު ކުރުމަކީ ޖެންޑާ މިނިސްޓްރީގެ ޒިންމާއެއްކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ތަޢުލީމާބެހޭ ވުޒާރާއިން ބުނެފައިވަނީ، ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ މައްސަލާގައި މިނިސްޓްރީގެ ލަފަޔަކަށް ޢަރަބިއްޔާ ސްކޫލުން އެދިފައިވާ ކަމަށެވެ. އެ ސްކޫލުން ފޮނުވި ސިޓީއަކާއި ގުޅިގެން މިނިސްޓްރީން ދިން ޖަވާބަކީ އެސްކޫލްގެ ޔުނީފޯމް ކޯޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ބެލެނިވެރިންނަށް އެންގުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

"މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށް ދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފައަކަށް އެ ސްކޫލުން މިދިޔަ އަހަރު ވަނީ އެދިފައެވެ. އެޑިއުކޭޝަނުން ޑިސެމްބަރު 28 ގައި ފޮނުވި ސިޓީއެއްގައި ވާނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ އަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް ސްކޫލުގައި އެދިފައެވެ." މިނިސްޓްރީން ބުނެފައިވެއެވެ.

އަލްމަދަރަސަތުލް އަރަބިޔަތުލް އިސްލާމިއްޔާގެ އަންހެން ދަރިވަރުންގެ މޫނު ބުރުގާ ނަގަން އެންގި ކަމަށް ބުނެ، މި މައްސަލާގައި ފައިސަލާކުރަނިވި ޙުކުމެއް ހޯދުމަށް އެދި އާޒިމާގެ ލޯ ފާމުން މައްސަލަ ވަނީ ސިވިލް ކޯޓަށްވެސް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން