އެމްޑީޕީ ސުންނާފަތިކޮށްލުމަށް ފިކުރެއްގެ ދިރުމުން ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ފިކުރެއްގެ ދިރުމުން އެމްޑީޕީ ރޫޅާލާ ސުންނާފަތި ކޮށްލުމަށް ނުކުރާނެ އެއްވެސްކަމެއް ނޯންނާނެ ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު އަމާޒު ހިއްޕަވާފައިހުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ނައިބު ރައީސަކަށް ހުންނެވި ޑރ. މުޙައްމަދު ވަޙީދާއި ކޯލިޝަން ހަދައިގެން ނަމަވެސް އެމްޑީޕީ ބަލިކޮށްލެވޭތޯ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އެހާވެސް ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވޭ އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވުން. ޖޭޕީއާ ގުޅިގެން އެކުރައްވާ މަސައްކަތަކީ އެމްޑީޕީއަށް ރަނގަޅަށް ކުރައްވާ ކަމެއްނޫން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެެއްލުވާލަން މަސައްކަތްކުރާ ބަޔަކު އެކަން އެގޮތަށް އެކުރަނީ ޕާޓީއަށް ހެޔޮއެދިގެން ކަމަށް އެއްވެސް ބަޔަކު ގަބޫލު ނުކުރާނޭ ކަމަށެވެ. ޚާއްސަކޮށް އެޕާޓީއަށް ހެޔޮއެދޭ ބަޔަކު އެކަން ގަބޫލު ނުކުރާނޭ ކަމަށް ވެސް އޭނާ ވިދާޅުވެފަައިވެއެވެ. ފިކުރެއްގެ ދިރުމުގެ ބޭފުޅުން ގެންދަވަނީ އެމްޑީޕީގެެ އެކިި މަގާމުތަކުގައި ތިއްބަވައިގެން ޕާޓީ ހަލާކު ކުރައްވަމުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

“އެބޭފުޅުން ތާޢީދު ކުރަށްވާ ބޭފުޅަކަށް ވެރިކަން ލިބިއްޖެއްޔާ ފިކުރެއްގެ ދިރުމުގެ ބޭފުޅުންނަށް މޮޅުގޮތެއް ވެދާނެ. އެމްޑީޕީއަށް ވާނެ އެއްވެސް މޮޅެއް ނޯންނާނެކަން ބުއްދީގެ ހަމަތަކުން ވިސްނާލީމާ އިނގޭ.” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ ފިކުރެއްގެ ދިރުމުގެ ބޭފުޅުންނާ ނުލައި ކަމަށެވެ. އޭގެ އިތުރުން ފިކުރެއްގެ ދިރުމުގައި ވެރިކަމަށް އަމިއްލައަށް ކުރިމަތިލުމުގެ ހިތްވަރު ނެތްކަމަށާއި އިންތިޚާބުގައި ފިކުރެއްގެ ދިރުން ބަލިކުރާނީ ކިހިލީ ޖަހާލައިގެން ކަމަށް ޝަރީފް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.

ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން