ވާދަވެރި ކެންޑިޑޭޓުގެ ކޭމްޕުގައި މަސައްކަތްކުރަށްވާ ބޭފުޅުން މަޤާމުން ވަކިކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީއާ ދެމެދު އިއްޔެ ކުރިއަށްދިޔަ މަޝްވަރާތަކުގައި މި ސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަރަކާތްތެރިވެ ވަޑައިގަންނަވާ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ހަމައެއާއެކު ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ފަރާތުން މި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސަރުކާރާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށްފައިވާ މެސެޖްތަކެއްވެސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން ޑރ. ޑީޑީ ވިދާޅުވީ ރައީސް ޞާލިޙް ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރަށްވާފައިވާ ބޭފުޅުން އެމަނިކުފާނާއި ވާދަވެރި ކެންޑިޑޭޓުންނާއެކު ސިޔާސީ މަސައްކަތް ކުރަށްވާނަމަ އެކަމަށް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

“އެއީ ރައީސްގެ ސިޔާސަތާ ދެކޮޅުވުންކަން ކަށަވަރު.” ޑރ. ޑީޑީ ވިދާޅުވެފައިވެއެވެ.

ޖުމްހޫރީ ޕާޓީން ވަނީ ރައީސް ޞާލިޙާއެކު މިހާރު އޮތް ކޯލިޝަން ދެމެހެއްޓުމުގެ ބަދަލުގައި 9 ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމްކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ހަމައެއާއެކު އެމްއާރުއެމުން މިހާތަނަށް ރައީސް ޞާލިޙަށް ތާޢީދު ކޮށްފައެއް ނުވެއެވެ.

އެމްއާރުއެމްގެ ސިޔާސީ ބައެއް ބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގްރޫޕެއްގައި ދައްކާފައިވާ ވާހަކަތަކުގައިވަނީ މިފަސް އަހަރު ކޯލިޝަންގައި ތިބެ ދިމާވި ކަންކަން "ވަކި ރަނގަޅު ނޫން"ކަމަށާއި އެބޭފުޅުންނަށް މަޤާމު ދެއްވާފައިވަނީ ރައީސް މައުމޫނާއި އެމްއާރުއެމްގެ ލީޑާޝިޕުން ކަމަށެވެ.

ދާދިފަހުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން