މޮރިޝަސް ކޮމާޝަލް ބޭންކަށް 2.3 މިލިއަން ރުފިޔާ ދެއްކުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރަށް ހައިކޯޓުން އެންގި މައްސަލައިގެ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.



މޮރިޝަސް ކޮމާޝަލް ބޭންކަށް 2.3 މިލިއަން ރުފިޔާ ދެއްކުމަށް ހައިކޯޓުން އަލީ ޒާހިރަށް އަންގާފައިވަނީ 2018 ވަނަ އަހަރު މޮރިޝަސް ބޭންކުގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގައި ފައިސާނެތި ޢަލީ ޒާހިރު އޯވަރޑްރޯ ކުރި ޗެކަކަށް ފައިސާދައްކަން އެންގުމުން އެކަމަށް ޢަލީ ޒާހިރު އިންކާރު ކުރި މައްސަލައިގެ އިސްތިޢުނާފު ޝަރީޢަތުގައެވެ.

އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް ފެށީ މިއަދު އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ އައިޝާ ޝުޖޫން މުހައްމަދު، އަޒްމިރާލްދާ ޒާހިރު އަދި އަލީ ރަޝީދު ހުސެއިނެވެ. މައްސަލައިގައި އަލީ ޒާހިރުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލު މަހްފޫޒު ސައީދެވެ.

އެ މައްސަލާގައި ޢަލީ ޒާހިރު ސިވިލް ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ އަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުންވެސް ހުކުމްކުރީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.

މޮރިޝަސް ކޮމާޝަލް ބޭންކުގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދު 4.1 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމުގެ ޑިޕޮޒިޓް ސްލިޕް ދެއްކުމަށްފަހު، މި 2.3 މިލިއަން ރުފިޔާ އަބްދުﷲ ނަސީރުގެ އެކައުންޓަށް ޖަމާކުރި ނަމަވެސް އޭގެ ކުރިން ޢަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރަން ހުށަހެޅި 4.1 މިލިއަން ރުފިޔާގެ ޗެކް ޖަމާވެފައި ނުވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެހެންކަމުން ހައިކޯޓުން ނިންމާފައިވަނީ އޯވަރޑްރާފްޓްގެ ގޮތުގައި ބޭންކުން ޢަލީ ޒާހިރުގެ އެކައުންޓުން ޗެކަށް ދޫކުރި ފައިސާއަކީ ބޭންކުން ޢަލީ ޒާހިރަށް ދިން "ފްރީ ގިފްޓް" އެއް ނޫން ކަމަށާއި އެ ފައިސާއަށް ޢަލީ ޒާހިރު ގާނޫނީ ގޮތުން ޒިންމާވާން ޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުން ޢަލީ ޒާހިރު އެ ފައިސާއަށް ޒިންމާވާން ޖެހޭނެ ކަމަށް ޙުކުމް ކޮށްފައިވާއިރު ބެންޗުގައި ދެން އިންނެވި ފަނޑިޔާރުގެ ރަޢުޔު ވަނީ ތަފާތުވެފައެވެ. ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ އެ ފައިސާ ދޫކޮށްފައިވަނީ ބޭންކުގެ އިހުމާލުން ކަމަށް ވާތީ އެފައިސާއަށް އަލީ ޒާހިރު ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް