އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅިހެރި މައްސަލާގައި އިންޑިއާގެ ސްރިނިވަސަން ސުބްރަމަނީގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މާލޭގެ ގެއެއްގައި 2022 ފެބްރުއަރީ ދެ ވަނަ ދުވަހުގެ ފަތިހު ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ފައިގެ ދެ ތަނަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޙަމަލާ ދީފައިވާއިރު ކުށުގެ ވެށީގައި ދެވަޅި އޮތްކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލާގައި ފިރިހެން މީހާގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އޭނާ އަނބިމީހާއަށް ޙަމަލާދިނީ ސިޓިންރޫމްގައި ނިދާފައި އޮށްވައި ކަމަށް ދަޢުވާގައި ވެއެވެ.

މި މައްސަލާގައި އަނިޔާލިބުނު އަންހެންމީހާ ކޯޓުގައި ބުނެފައިވަނީ އޭނާގެ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅުމުގެ ތެރޭގައި ކަމަށެވެ. އަދި ތަހުޤީޤުގައި އޭނާދިން ބަޔާން ނަފީކޮށް އޭނާވަނީ ކޯޓުގައި ހެކިބަސް ދީފައެވެ.

އެމައްސަލާގައި ޙުކުމް އިއްވަވަމުން ޤާޟީ ޝަފީޢު ވިދާޅުވީ ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، ދައުވާގައި ބަޔާންކޮށްފައިވާ ފަދައިން ސުބްރަމަނީ އޭނާގެ އަނބިމީހާއަށް ޙަމަލާ ދިންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައި ނުވާ ކަމަށެވެ.

މ. ރިހިވިދުވަރު ގޭގެ ދެވަނަ ފްލޯގައި ހިނގި މި ޙާދިސާގައި އެތަނުން އެއްވަޅީގައި ތިލަނެތްކަމަށާއި އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނެގުމުން އެއްވަޅީގެ ތިލަ އޮތީ އަންހެންމީހާގެ ފައިގެ ފަލަމަސްގަނޑުގެ ތެރޭގައިކަމަށް މައްސަލައިގެ ބަންދު މަޖިލީހުގައި ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ. ފުލުހުން ކުށުގެ ވެއްޓަށް ޙާޟިރުވުމުން މި ޙާދިސާގައި ހައްޔަރުކުރި ޢުމުރުން 27 އަހަރުގެ އިންޑިއާ ފިރިހެންމީހާ ވަނީ އޭނާގެ އަތުގައި އޮތް ވަޅި އަމިއްލަ ބަނޑަށް ހަރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް