ކުޅުދުއްފުށީގައި ފުށްފެކްޓްރީ ނޭޅުމަށް ސަރުކާރުން ނިންމާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިމޭރުމުން ވިދާޅުވީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ފުށް ފެކްޓްރީއެއް އެޅުމަކީ އޭނާގެ ޕްލޭނެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން ޢަމްރު ވިދާޅުވެފައިވަނިކޮށެވެ. އަމްރު ވިދާޅުވީ އެކަން ނުވެ އޮތީ ކުޅުދުއްފުށީގައި ފެކްޓްރީ އެޅުމަށް ރައީސް އޮފީހުން ބޭނުން ނުވުމުން ކަމަށެވެ.

އަމްރުގެ ވާހަކަތަކާ ގުޅިގެން މިއުވާން ވިދާޅުވީ ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ސަރުކާރުން ހުއްޓާނުލާކަމަށާއި އަދި އެ މަސައްކަތާ ގުޅޭ ކަންކަން އެސްޓީއޯއިން މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްދާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އަޅަން ނިންމައި، މިދިޔަ އަހަރު ވަނީ ފުށް ފެކްޓްރީ އަޅާނެ ބިންވެސް ކަނޑައަޅައިފައެވެ. އެގޮތުން އެ ކުންފުނީގެ ފުށް ފެކްޓްރީ އަޅަން ނިންމީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުޅުދުއްފުށީ ޕޯޓް ހިންގާ ސަރަހައްދުގައެވެ.

ކާޑަށް ކުރާ ހަރަދުތަކުގެ އިތުރުން މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.

އެސްޓީއޯގެ ގޮދަންފުށް އުފައްދާ ފެކްޓްރީ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ނިންމި އެއް ސަބަބަކީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބަށްވުމެވެ. އަދި އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދުކަމަށާއި މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް