ފެއިލްވެފައި އޮތްކަމަށް ޤަބޫލުކުރާ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަންދެން ހުންނެވި ސަބަބު އޮޅުންފިލުވައި ދެއްވުމަށް ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދު އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން ޢަމްރުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޙުސައިން ޢަމްރު ވަކިކުރެއްވިފަހުން ޢަމްރު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. ޚާއްސަކޮށް ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްކޮށް ތަފާތުއެކި ވާހަކަތައް މީސްމީޑިއާގައި ޢަމްރު ގެންދަވަނީ ދައްކަވަމުންނެވެ.

ޢަމްރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢީދު މިއަދު ވިދާޅުވީ ފެއިލްވެފައިވާ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަށްވަންދެން ޢަމްރު ހުންނެވުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

"ސަރުކާރު ފެއިލްވީކަމަށް ޤަބޫލުކުރެވުނީމަ އިސްތިޢުފާ ނުދެއްވީ ކީއްވެބާ!" ސަޢީދު ސުވާލު އުފައްދަވާފައިވެއެވެ.



ލ. އަތޮޅު ގަމުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެއިން ޑިސަލް ހުސްވެގެން އެރަށުން ކަރަންޓު ކެނޑުނު މައްސަލައިގައި ޢަމްރު ވަނީ ފެނަކައިގެ ހިންގުން ދޯދިޔާވެ އެތަން ވަނީ ބޮއްސުން ލާފައި ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފެނަކައިގެ ދަރަނި އަތް ނުފޯރާ ފަށަށް މަތިވެފައިވާއިރު، މިއީ ދައުލަތުގެ އެއްވެސް މުވައްސަސާއަކަށް ހައްލު ހޯދާ ދެވިފައިވާ މައްސަލައެއްވެސް ނޫންކަމުގައެވެ.

ހަމައެއާއެކު ރޭގެ ވަގުތެއްގައި ނެރުއްވި ބަޔާނެއްގައި ޢަމްރު ވިދާޅުވެފައިވަނީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ފުށް ފެކްޓްރީއެއް އެޅުމަކީ އޭނާގެ ޕްލޭނެއް ކަމަށެވެ. އަމްރު ވިދާޅުވީ އެކަން ނުވެ އޮތީ ކުޅުދުއްފުށީގައި ފެކްޓްރީ އެޅުމަށް ރައީސް އޮފީހުން ބޭނުން ނުވުމުން ކަމަށެވެ.

އޭގެ އިތުރުން ސަރުކާރު ގެނައުމަށްޓަކައި ރައްޔިތުންނަށް ވިއްކި ގިނަ ސިޔާސަތުތައް ތަންފީޒު ކުރެވިފައިވާ ނުވާކަމަށާއި އެމްޑީޕީގެ ގިނަ މެމްބަރުން ޕާޓީއާ ފޭއަށް ޖެހިފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުން ކަމަށް "ފިކުރެއްގެ ދިރުމުގައި" އިސްކޮށް ޙަރަކާތްތެރިވާ ޢަމްރު ރޭ ވިދާޅުވިއެވެ.

ޢަމްރުގެ ބަޔާނާ ގުޅިގެން ސަރުކާރަށް ތާޢީދު ކުރަށްވާ ގިނަ ފަރާތްތަކަކުން ގެންދަވަނީ ޢަމުރަށް ރައްދު ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް