ސަރުކާރުން މަޝްރޫޢެއް ފަށަން ތައްޔާރުވާއިރަށް ރައްޔިތުންގެ މަޖިލީހަށް އެކަމާގުޅޭ ޤަރާރެއް ހުށައަޅާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާނު ކޮށްފައިވަނީ މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި މަސްވެރިކަމާގުޅޭ ޤަރާރުގެ ސަބަބުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ޙަސަން ލަތީފް ވިދާޅުވުމާ ގުޅިގެންނެވެ.

ޙަސަން ލަތީފަށް ރައްދު ދެއްވަމުން މެންބަރު ޝަރީފް ވިދާޅުވީ ސަރުކާރުން ކޮންމެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވުމުން އެކިނަންނަމުގައި މަޖިލީހަށް ޤަރާރުތައް ހުށައަޅާކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ސަރުކާރުން އެކަމެއް ކުރަނީ ވަކިބައެއްގެ ފިއްތުންތަކެއްގެ ސަބަބުންކަން ރައްޔިތުންނަށް ދެއްކުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޫއްޑޫގައި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމުގެ މަޝްރޫޢަކީ ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހަމަޖެހިފައިއޮތް މަޝްރޫޢެއް ކަމަށެވެ.

“ކޫއްޑޫ ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރާ 3 އަހަރު މަޝްވަރާކޮށްގެން މިހިސާބަށް ގެނެވުނު ޕްރޮޖެކްޓެއް. އޭގެ އެމްއޯޔޫގައި ސޮއިކޮށްފި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ.” ޝަރީފް ވިދާޅުވިއެވެ.

ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ކަމެއްކަމަށް ޝަރީފް ވިދާޅުވެފައިވާއިރު ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފައިވަނީ އެ މަޝްރޫޢަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ގއ. ކޫއްޑޫ، ކ. ކަނޑުއޮތްގިރި އަދި މ. މުލަކުގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ލޮޓަކަށް ބަހާލައިގެންނެވެ. އެގޮތުން ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރ އިމްޕްރޫވްމަންޓްގެ މަސައްކަތާއި ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތުގެ އިތުރުން މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް