ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ކޮށްދިން މަސައްކަތަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ޢުމަރު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުމުގެ" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފު ވަނީ ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޟާއަށް ކާމިޔާބު ކޮށްދެއްވުމަށް ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ކަމަށް ވިދާޅުވެފައެވެ.

"މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން." އާދަމް ޝަރީފު މިއަދު ވިދާޅުވި އެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޟް ވެސް ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ ޕާޓީގެ ތެރެއިންވެސް ބަޔަކު އެގޮނޑި އެމްޑީޕީއަށް ލިބުނަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށްކަމަށެވެ.

ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ފުނޑާލަން ޕާޓީތެރެއިން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް