އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުފައްދަވާފައިވާ "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ 4 މުޤައްރިރަކު ބަދަލުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ކަނޑައެޅިގެން ދެކޮޅަށް މަސައްކަތް ކުރާތީއާއި، އެމްޑީޕީ ޕީޖީ ގްރޫޕުގެ ޤަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ މުޤައްރިރުން ބަދަލުކުރުމަށެވެ. ކޮމިޓީތަކުގެ މުގައްރިރުކަމުން އެ ބޭފުޅުން ވަކިކޮށްދިނުމުގެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.

އެގޮތުން ބަދަލުކުރަން ނިންމާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ހަސަން ލަތީފް ހުންނަވަނީ އާންމު ކޮމިޓީގެ މުގައްރިރުގެ މަގާމުގަ އެވެ. އިމްތިޔާޒް ފަހުމީ ބަލަހައްޓަވަނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ކަމެވެ. އިލްޔާސް އެސްއޯއީ ކޮމިޓީ އަދި ޔާސިރު ހުންނަވަނީ އިމްތިޔާޒު ކޮމިޓީގެ މުގައްރިރު ކަމުގައެވެ.

އަދި އެބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމުގެ މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެގޮތުން އެމެންބަރުންނާމެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމަށްވެސް ޕީޖީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކުގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިހާރު ބައިވެރިވެވަޑައި ނުގަންނަވައެވެ. މީގެކުރިން ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި ބޭއްވި ޕީޖީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުالله ވަނީ ފިކުރެއްގެ ދިރުމާއި ޖޭޕީ ގުޅިގެން މަޖިލީހުގައި ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ޢަމަލު ކުރާނެ ގޮތެއް ނިންމަވާނީ ފަހުންކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ރިޔާސީ ޓިކެޓާއި ގުޅޭގޮތުން އުފެދިފައިވާ ތުންފިއްތުން މިހާރު އެހެން ހިސާބަކަށް ގޮސް ގަސްތުގައި ޕާޓީ ފުނޑު ފުނޑުކޮށްލަން ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލަށްވާނެކަމަށެވެ. އޭގެއިތުރުން އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް