ތިލަފުށީގައި ބަލްކް ޕޯޓެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އެމްޕީއެލް އިން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފައިވަނީ ތިލަފުށީގައި ހަދާ ޕޯޓުގައި ލާޖް ބަލްކް ކާގޯ ބޯޓާއި، ކޮންޓެއިނާޝިޕް ބަނދަރު ކުރެވެން ހުންނާނެ ކަމަށެވެ. އަދި އެ ބަނދަރަށް މާލޭ ޕޯޓުގައި ހިނގަމުންދާ ހުރިހާ އޮޕަރޭޝަންތައް ވަގުތީ ގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުނެފައިވެއެވެ.

އެމްޕީއެލްގެ އިޢުލާނުގައި ވަނީ، ތިލަފުށީގައި ޕޯޓެއް ހެދުމުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ "ޑީޕް ސީ ކޮމާޝިއަލް ޕޯޓްސް" ހެދުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ. ހަމައެއާއެކު މަސައްކަތް ކުރުމުގެ މާލީ އަދި އިންސާނީ ގާބިލުކަން ލިބިފައިވާ ފަރާތްތަކުގެ އިތުރުން މީގެ ކުރިން ޕޯޓް ހެދުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އިޢުލާނުގައިވެއެވެ.

ތިލަފުށީގައި ބަލްކް ޓާމިނަލް ތަރައްގީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރާ ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ކްލިއަރ ކުރުމަށް ޖާގަ ލިބި އެތަކެތި ރައްކާކުރެވޭނެ ޖާގަ ފަހިވާނެއެވެ. މި ޕޯޓްގެ 7 ހެކްޓަރުގެ ސަރަހައްދެއް ޚާއްސަކުރާނީ ޓަރމިނަލުގެ އޮޕަރޭޝަންތަކަށެވެ. އަދި 1.4 ހެކްޓަރުގެ ސަރަހައްދަކީ މުދާތައް ރައްކާކުރުމަށް ހަދާ ގުދަންތަކަށް ޚާއްސަ ޖާގައެކެވެ.

އެމްޕީއެލުން ބުނީ ތިލަފުށީގައި ބަލްކް ޕޯޓެއް ތަރައްޤީކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން