ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމުން ދެވަނަފަހަރަށް ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލަވެސް އެކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ އެ ކޯލިޝަނުން މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުވެސް ކޯޓަށް ހުށައެޅިއެވެ. މައްސަލަ ހުށައެޅުއްވީ ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު ސިއްދީގު އިސްވެ ހުންނަވައެވެ. އެމައްސަލަ އެފަހަރު ސުޕްރީމް ކޯޓުން ބޭރުކޮށްލުމުން އެނިންމުން މުރާޖަޢާކޮށްދެއްވުމަށް ޕީޕީއެމުން ކޯޓުގައި ވަނީ އެދިފައެވެ.

އެކަމާގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވަނީ، އެމައްސަލާގައި ޤާނޫނީގޮތުން ބަހުސެއް އުފެއްދޭނެ ނުކުތާއެއް ހުށައަޅުއްވާފައި ނެތްކަމަށެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ސުޕްރީމްކޯޓުން ވަނީ ނިންމަވާފައެވެ.

އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ ނައިބުރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވަންޖެހޭނެ ހަމައެކަނި ހާލަތެއްކަމަށް ގާނޫނު އަސާސީ ބުނާ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވާ ހާލަތުކަމަށްވެސް މައްސަލާގައިވެއެވެ.

އެހެންކަމުން ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ހުވާ ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ނައިބުރައީސް އައްޔަނުވީކަމަށްވެސް ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ތައިރޮއިޑް ސަރޖަރީއެއް ހެއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާ މިދިޔައަހަރުގެ ފެބުރުވަރީ 25 ވަނީ ހަވާލު ކުރައްވާފައެވެ. އަދި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ހަމައެދުވަހު ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެކަމުގެ ޤާނޫނީ ހުވާ މަޖިލީހުގެ އިދާރާގައި ކުރައްވާފައެވެ.

އެހެންނަމަވެސް ތިންގަޑިއިރާއި ތިރީސް މިނެޓަށްފަހު ރައީސް ޞާލިޙްވަނީ ހަމަ އެދުވަހު އަލުން ރައީސްކަމުގެ ބާރުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައެވެ. މިއީ ރާއްޖޭގައި ރައީސްގެ ބާރުތައް ރަސްމީކޮށް ނާއިބު ރައީސާއި ހަވާލުކުރި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް