މާލޭ ސިޓީގެ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބެލީ ރައީސް ޔާމީންގެ އެންގެވުމަކަށް ކަމަށް އެޕާޓީން މިއަދު ހާމަކޮށްފިއެވެ.

އާދަމް ރަމީޒްގެ ސުލޫކީ މައްސަލަ ބަލަމުން ދަނިކޮށް އިއްޔެ އޭނާވަނީ ޕީޕީއެމުން އިސްތިއުފާ ދެއްވާފައެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ އާދަމް ރަމީޒްގެ މައްސަލަ ބެލީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީއަށް އުނިކަން އަންނަފަދަ މަސައްކަތްތަކެއް ކުރެއްވިކަމަށް ތުހުމަތު ކުރެވުމުން ކަމަށެވެ.

"ރައީސް އެދިވަޑައިގަތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް." ޝިޔާމް މިއަދު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓްގެ ކެންޑިޑެސީއަށް އުނިކަން އަންނާނެ މަސައްކަތްތަކެއް ޕާޓީގެ އެއްވެސް މެންބަރަކު ކުރަމުންދާނަމަ އެކަން ހުއްޓުވުމުގެ ބާރު ރިޔާސީ ކެންޑިޑޭޓަށް ލިބިގެންވާ ކަމަށެވެ.

އާދަމް ރަމީޒްގެ އިސްތިޢުފާގެ ސިޓީ މީސް މީޑިއާގައި މިހާރުވަނީ ޢާއްމުވެފައެވެ. އެސީޓީގައި އާދަމް ރަމީޒް ވިދާޅުވެފައިވަނީ، މި ވަގުތު ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތުމުން އޭނާގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް