ޗާގޯސް ރަށްތަކުގެ މައްސަލާގައި ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ރާއްޖެއިން މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރުމަށާއި، ދިވެހި ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލް ހަދާފައިވާ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެސިޓީގައި ހިމަނާފައިވާކަމަށް ޝަރީފް ތުހުމަތު ކުރަށްވާފައިވެއެވެ.

މި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި މައްސަލައަށް ބަހުސްކުރުމަށް ފެންނަކަމަށް 23 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، މި މައްސަލައަށް ބަހުސްކުރަން ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ 19 މެމްބަރުންނެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެންމެ އިންޗިއެއްގެ މިންވަރުވެސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ނިހާޔަތަށް ދެކޮޅުހަދާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާ ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރި މައްސަލަ އިދިކޮޅުން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ކުއްލި މައްސަލާގައިވެއެވެ.

ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް އާދަމް ޝަރީފް ވަނީ ފާހަގަކުރަށްވާފައެވެ.

ޗާގޯސްގެ މައްސަލައަކީ، ރާއްޖޭގެ ސިޔާސީ، ޚާރިޖީ، އިގްތިސާދީ، ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާ ގުޅުން ހުރި މައްސަލައަކަށްވާއިރު އެމްޑީޕީ ލީޑުކުރާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ދިވެހި ރާއްޖެއިން ވަކާލާތުކުރަމުން އައީ މޮރިޝަސްއާ ދެކޮޅަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް ނިންމި ނިންމުމަކީ ރާއްޖެއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއް ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ރާއްޖެއިން މީގެ ކުރިން ވަކާލާތުކުރަމުން އަންނަ ސްޓޭންޑް ބަދަލުކުރި ސަބަބު ހާމަކޮށް، މޮރިޝަސް އަށް ފޮނުއްވި ސިޓީ ހާމަކުރުމަށާއި މޮރިޝަސްއާ އެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ. އިޓްލޮސްގައި މިއޭޕްރިލް މަހު 28 ވަނަ ދުވަހު މި މައްސަލައަށް ގޮތެއް ނިންމުމަށް މިހާރުވަނީ ތާވަލުކޮށްފައެވެ.

މިމައްސަލަ އާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށާއި ދެން ވެސް އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެންނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް