ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރުން ލާޒިމުކުރެވޭނީ ހައި ކޯޓަށް ކަމަށް ކަނޑައަޅައި، ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރުން ލާޒިމުކުރާނީ ހައިކޯޓުން ކަމަށެވެ. އަދި މަސްދަރު ހާމަކުރަން ހައިކޯޓުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދޭ ހާލަތުގައި ޕީޖީ އޮފީހުން އެފަދަ އަމުރަކަށް އެދޭ ސަބަބާއި އެ ސަބަބުތަކާ ގުޅޭ ހެކިތައް ކޯޓަށް ހުށަހެޅުން ވަނީ ލާޒިމް ކޮށްފައެވެ.

ގާނޫނު ކުރިން އޮތްގޮތުން ނަމަ، މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށް މައްސަލަ ރައްދުވާ ފަރާތަށް ވެސް ކޯޓަށް ހުށަހެޅޭނެ އެވެ. އެހެންކަމުން މިިދިޔަ ހުކުރު ދުވަހު ބޭއްވި ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރުން ހުށައެޅިގޮތަށް މަސްދަރު ހާމަކުރުމަށް ލާޒިމްކުރެވޭނީ ޕީޖީ އޮފީހުގެ އަމުރަކަށް ހައިކޯޓަށް ކަމަށް ވަނީ ފާސްކޮށްފައެވެ.

މަސްދަރު ހާމަކުރުމަށް އަމުރެއް ނެރުމުގައި ހައި ކޯޓުން ރިއާޔަތްކުރަންޖެހޭ 6 ކަމެއް އެ އިސްލާހުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓެރަރިޒަމުގެ ކުށެއް ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަމާއި، އެ މައުލޫމާތު އެނގުމަކީ ދަށު ކޯޓުގައި ހިނގަމުންދާ ޝަރީޢަތުގެ ދައުވާއާ ސީދާ ގުޅުންހުރި އެ ދައުވާއަށް ކޮންމެހެން މުހިއްމު މައުލޫމާތެއްކަން ސާބިތުވާންޖެހޭނެއެވެ.

މީގެ އިތުރުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.

ހެއްކާބެހޭ ޤާނޫނަށް މި އިސްލާހުތައް ގެންނަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާއިރު އެ ގާނޫނު އިސްލާހު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް