ރޭޕާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ރޭޕާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ރޭޕްކުރުމުން ބަލިވެއިން 17 އަހަރުގެ ކުއްޖާގެ މައްސަލައިގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިހާރު އަނިޔާލިބުނު ކުއްޖާ ހުރީ ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައި ކަމަށާއި، އެ މައްސަލަ، ކުއްޖާ ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކުންނާއި ޖެންޑާ މިނިސްޓްރީއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މެދު ރާއްޖެތެރޭގައި ހިމެނޭ ރަށެއްގައި ހިނގާފައިވާ ކަމެކެވެ. އަދި އެ ކުއްޖާގެ އާއިލާއަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި އެ ކުއްޖާ ކޯޓުން ބޭރުން ކައިވެނި ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ފުލުހުން މިރޭވަނީ އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 57 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ހާމަކޮށްފައެވެ.

ފުލުހުން ބުނީ މިމަހުގެ ދެވަނަ ދުވަހު މެދުރާއްޖެތެރޭގެ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އެ ކުއްޖާގެ ދޮންބައްޕައެވެ.

މި މައްސަލައިގެ އިތުރުން މެދުރާއްޖެތެރޭ ރަށެއްގައި ކިޔަވާ ކުއްޖަކު ބަލިވެއިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ކުއްޖާ ބަލިވެއިންކަން އެނގިފައި ވަނީ ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އެ މައްސަލާއާ ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަ އަދަދު އަނެއްކާވެސް މިވަނީ އިތުރުވެފައެވެ. އަދި އެފަދަ ކަންކަމާ ދެކޮޅަށް މީހުން ދަނީ އަޑުއުފުލަމުންނެވެ. މިދިޔަ ހޯމަ ދުވަހާއި މިއަދުގެ ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން